އިންޑޮނޭޝިޔާގެ ދުވަސްވީ ކަކަޓާއޫ އަލިފާން ފަރުބަދަ ގޮވާ ފަރުބަދައިގެ ބޮޑުބައެއް ކަނޑައިގެން ކަނޑަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާގެ އައްސޭރި ފަށަށް އެރި ވަރުގަދަ ސުނާމީ އުފެދުނީ ކަކަޓާއޫ އަލިފާން ފަރުބަދަ ގޮވާ ބިންގަނޑު ކަނޑައިގެން ދިއުމުންނެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެއަލިފާން ފަރުބަދަ ވެސް އަދި އިތުރަށް ގޮވުމުގެ ފުރުސަތު ބޮޑެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސެންޑައި ސްޓްރެއިޓް ގައި ހުންނަ 800 މީޓަރު އުސް ކަކަޓާއޫ އަލިފާން ފަރުބަދައިން ބޮޑު ގޮވުމެއް ގޮވާ ފަރުބަދައިގެ ބޮޑުބައެއް ކުދިކުދި ވެގެން ކަނޑަށް ފައިބާ މަންޒަރެވެ.

އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ގެއްލުން ބޮޑު ސުނާމީތަކެއް އަދިވެސް އެރުމުގެ ފުރުސަތު އޮތުމުން އާންމުން އައްސޭރިފަށަށް ނުދިއުމަށް އިންޑޮނޭޝިއާ ސަރުކާރުން ދަނީ އަންގަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ސުނާމީ އެރީ ޓަންޖުން ލެސުން ބީޗް ރިސޯޓްގައި މިއުޒިކް ޝޯވއެއް ކުރިއަށް ދަނިކޮށެވެ. ސުނާމީގެ ރާޅުތައް ޝޯގެ އޯޑިއަންސަން ބަންޑުންކޮށްލުން ޝޯވ ދެމުން ދިޔަ ބޭންޑްގެ މެނޭޖަރާއި ބޭސް ޕްލޭޔާރ ވަނީ މަރުވެފައެވެ. އަދި ބޭންޑްގެ އިތުރު ތިން މެންބަރަކާއި ލީޑް ލަވަކިޔުންތެރިޔާގެ އަނބިމީހާ ވަނީ ގެއްލިފައެވެ.

ސުނާމީގައި މަރުވި މީހުންގެ އަދަދު 373 އަކަށް އަރާފައިވާ ކަމަށް އިންޑޮނޭޝިއާގެ ޑިޒާސްޓާ ސެންޓަރުން މިއަދު ވަނީ ބުނެފައެވެ.

ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ސުންޑާ ސްޓްރިޓް އަށް އެރި ސުނާމީގެ ސަބަބުން 1400 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި ސުނާމީއަށް ފަހު އަދިވެސް 128 މީހުން ނުފެންނަ ކަމަށެވެ. އެހެންކަމުން ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެއެވެ.

މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާޢަތްތަކާއި އެކި ގައުމުތަކުގެ އޮފިޝަލުން ވެސް ދަނީ ބައިވެރިވަމުންނެވެ.