އިނގިރޭސިވިލާތް، ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމުގެ މަޝްވަރާތައް އަލުން އީޔޫ އާއި އެކު ކުރިއަށް ގެންދަން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ބޮޑުވަޒީރު ތެރީސާ މޭ އަށް ހުއްދަ ދީފިއެވެ.

ރޭ ހައުސް އޮފް ކޮމަންސްގައި ވަނީ އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާއި ބެހޭ އެއްބަސްވުން ގާއިމް ކުރުމާއި މެދު ދެން ކުރިއަށް ދާނެ ގޮތެއް ނިންމަން ވޯޓްތަކެއް ނަގާފައެވެ. އިދިކޮޅު ލޭބާ ޕާޓީ އިން ހުށަހެޅީ މިމަސް ނިމޭއިރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީޔޫ އިން ވަކިވާން އަނެއްކާ ވެސް އިތުރު މުހުލަތެއް ދޭށެވެ. ނަމަވެސް އެގޮތައް ފާހެއް ނުވިއެވެ.

ދެން ހުށަހެޅީ އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް އިނގިރޭސިވިލާތް އީޔޫ އިން ވަކިވާށެވެ. އެގޮތައް ވެސް މެންބަރުންގެ ރުހުމެއް ނުލިބުނެވެ. ރުހުން ލިބުނު ހަމައެކަނި ހުށަހެޅުމަކީ އީޔޫ އާއި އެކު އިތުރަށް މަޝްވަރާކޮށް މެންބަރުންގެ ކަންބޮޑުވުންތައް އެއްބަސްވުމުގައި ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރާށެވެ. އެހުށަހެޅުން ފާސްވި ނަމަވެސް އީޔޫ އިން ވަނީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި ބެހޭ ގޮތުން ދެން އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި މެދު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އީޔޫ އިން ބުނި ނަމަވެސް އަދި އުއްމީދު ނުގެއްލޭ ކަމަށް ބޮޑުވަޒީރު މޭ ވަނީ ވިދާޅުވެފައެވެ. މޭ ވިދާޅުވީ ކުރިއަށް އަނެއްކާ ވެސް އޮތީ އުނދަގޫ މަސައްކަތްތަކެއް ކަމަށާއި ނަމަވެސް އެއީ ނަތީޖާ އަކާއި ހަމައަށް ވާސިލް ވެވިދާނެ މަސައްކަތްތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބޮޑުވަޒީރު މޭ މިއަދު ޔޫރަޕްގެ ގައުމުތަކުގެ ވެރިންނަށް ފޯނުން ގުޅުއްވާ އަލުން މަޝްވަރާތައް ފެށުމަށް ގައުމުތަކުގެ ވެރިންގެ ތާއިދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނެ ގޮތަކާއި މެދު އެއްބަސްވުމަކަށް ނާދެވި ދިގު ދެމިގެން ގޮސް އެންމެ ފަހުން އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް އީޔޫ އިން ވަކިވެއްޖެނަމަ އެކަމުގެ ގެއްލުން އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުގެ އިޤުތިޞާދަށް ވެސް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން އެގައުމުގެ ރައްޔިތުން ވޯޓް ދިނީ 2016 ވަނަ އަހަރުގެ ޖޫން މަހު އެވެ. އަންނަ މާޗް މަހުގެ 29 ވަނަ ދުވަހުގެ 23:00 އަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނެ ކަމަށް މިހާރު ނިންމާފައި އޮތް ތާރީޚެވެ.