ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ޖަމާލް ޚަޝޯޤީ މަރާލާފައި ވަނީ ހާދިސާ ހިނގުމުގެ އަހަރެއް ކުރިން ފެށިގެން ސައުދީ އަރަބިއްޔާގެ އެންމެ މަތީ ލެވެލްގައި ޚަޝޯޤީ މަރާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން ބުނެފިއެވެ.

އެނޫހަށް މައުލޫމާތު ދިން އެމެރިކާގެ ޖާސޫސީ އިދާރާއެއްގެ ވެރިޔަކު ވިދާޅުވީ ޚަޝޯޤީ މަރާލުމުގެ އަހަރެއް ކުރިން ވެސް ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވަނީ ޚަޝޯޤީ އެނބުރި ސައުދީ އަރަބިއްޔާ އަށް ނާންނަނަމަ އޭނާ އާއި ދެކޮޅަށް "ވަޒަނެއް ބޭނުން ކުރަން ޖެހޭ." ކަމަށް ވިދާޅުވެފައެވެ. މުހައްމަދު މިހެން ވިދާޅުވެފައި ވަނީ މުހައްމަދުގެ ވަރަށް ގާތް މީހެއްގެ ކައިރީގައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ލިބިފައިވާ ރިޕޯޓްތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި ޚަޝޯޤީ މަރާލަން ތުރުކީ އަށް ސައުދީ އަރަބިއްޔާގެ ޓީމް ދިއުމުގެ ކުރިން އެޓީމްގެ ބައެއް މެންބަރުންނާއި މުހައްމަދު ބައްދަލުކޮށް ވަރަށް ދިގުކޮށް މަޝްވަރާތައް ކޮށްފައި ވެއެވެ.

ޚަޝޯޤީގެ މަރުގެ ފަހަތުގައި ހުރީ ވަލީއަހްދު މުހައްމަދު ކަމަށް މީގެ ކުރިން ވެސް އެތައް ބަޔަކު ތުހުމަތު ކޮށްފައި ވެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އިން ގެންދަނީ ފެށުނީއްސުރެ އެތުހުމަތުތައް ދޮގު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޚަޝޯޤީގެ މަރުގެ ފަހަތުގައި ހުރީ މުހައްމަދު ކަން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ކަށަވަރުވި ނަމަވެސް އެމެރިކާ އިން ރަސްމީކޮށް އެކަން އިއުލާން ނުކުރަނީ މުހައްމަދު އެމެރިކާ އާއި އެކު ބާއްވަމުން އަންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.

މުހައްމަދު އަކީ ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރާޑް ކުޝްނާގެ ވަރަށް އަރިސް ބޭފުޅެކެވެ. ކުޝްނާ އަކީ ޓްރަމްޕްގެ އެންމެ ސީނިއާ އެޑްވައިޒަރެވެ. އެހެންކަމުން މުހައްމަދު ބޭނުންފުޅު ނުވާގޮތައް އެމެރިކާ އިން މިމައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަޝޯޤީގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެއް ބަލަން އދ.އިން ވެސް މިހާރު ގެންދަނީ ތަޙްޤީޤެއް ކުރަމުންނެވެ.