އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ސެނެޓާ ބާނީ ސެންޑާސް އިއުލާން ކުރައްވައިފިއެވެ.

2016 ވަނަ އަހަރު ވެސް ބާނީ ވަނީ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރަައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް ހިލަރީ ކްލިންޓަން އާއި ވާދަކުރައްވާ ކާމިޔާބު ހޯއްދެވޭ ގޮތެއް ނުވިއެވެ.

ބާނީ މިއަދު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވިކަން އިއުލާން ކުރައްވާ އޭނާގެ ކެމްޕޭން ޓީމާއި ގުޅިވަޑައިގަތުމަށް އެމެރިކާ ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ.

ބާނީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިއުލާން ކުރެއްވީ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާނެ އެކަށީގެންވާ ކެންޑިޑޭޓަކު އިއުލާން ނުކުރެވި ލަސްވަމުން ދާތީ ބައެއް ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ބާނީ އަކީ މިވަގުތު ޑިމޮކްރަޓިކް ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލް އެއް ބޭފުޅާއެވެ.

ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވަމުން ބާނީ ވިދާޅުވީ އެމެރިކާ ބޮޑު ބަދަލަކަށް ބޭނުން ވެފައިވާ ކަމަށާއި އެމެރިކާގެ ސަރުކާރުން ގެންގުޅެން ޖެހޭ އިޤުތިޞާދީ، އިޖުތިމާއީ، ނަސްލީ އަދި ތިމާވެށީގެ ސިޔާސަތުތައް އަލުން އެކުލަވާލަން ޖެހިފައިވަ ކަމަށެވެ.

އުމުރުފުޅުން 77 އަހަރުގެ ބާނީ އާއި ޕްރައިމަރީގައި ވާދަކުރައްވާނެ ބޭފުޅުން އަދި ކަށަވަރެއް ނުވެއެވެ.

ޓްރަމްޕްގެ ތަރުޖަމާން ވަނީ ބާނީ އަށް މިއަދު ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އާދައިގެ ރައްޔިތުންގެ އަތުން ބޮޑު ޓެކްސްއެއް ނެގުމާއި، ސަރުކާރުން ހިންގާ ސިއްހީ އިންޝްއަރެންސް ޕެކޭޖަށް ރައްޔިތުން ބަރޯސާވުން އެއީ އެމެރިކާ ރައްޔިތުން ނޫނެކޭ ބުނެފައިވާ ސިޔާސަތެއް ކަމަށެވެ.

ޓްރަމްޕް ވަނީ އަންނަ އަހަރު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާނެ ކަން އިއުލާން ކޮށްފައެވެ.