މި އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަމުން ގެންދާ ބާނީ ސެންޑާސް އެމެރިކާގެ އަންހެނަކަށް ރައީސްކަން ނުލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެފާޑުކިޔުންތަކުން ސަލާމަތްވާން މަސައްކަތް ފަށައިފިއެވެ.

ފާޑުކިޔުންތަކުން ސަލާމަތްވުމަށް ވާހަކަ ދައްކަވަމުން ބާނީ ވިދާޅުވީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އެމެރިކާގެ ރައީސް ކަމަށް ވާދަކުރާނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ ކަމަށެވެ.

"ކާޑީ ބީ އަކީ ވަރަށް ފަގީރު ދިރިއުޅުމެއް ތަޖުރިބާ ކޮށްފައިވާ މީހެއް. އުނދަގޫ ދިރިއުޅުމެއްގެ ތެރެއިން ކުރިއަށް ދާނެ ގޮތް އޭނާ ވަނީ އަމިއްލައަށް ތަޖުރިބާކޮށްފައި. އެހެންކަމުން އެއީ އޭނާ އެމެރިކާގެ ރައީސް ކަމުގެ މަގާމު ފުރުމުގައި ނުވަތަ ސިޔާސީ މަގާމެއް ފުރުމަށް ލިބިފައިވާ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެންދާނެ." ބާނީ ވިދާޅުވިއެވެ.

ބާނީގެ ވާހަކަތަކާއި ގުޅިގެން ކާޑީ ބީ ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް ހީވާ ގޮތުގައި އޭނާ ވާންވީ ސިޔާސީ މީހަކަށް ކަމަށެވެ. ސަރުކާރުން ކަންތައްތައް ކުރާ ގޮތައް ތާއިދު ނުކުރެވުނު ނަމަވެސް ސަރުކާރު ދެކެ އޭނާ ލޯބިވާ ކަމަށް ކާޑީ ބީ ބުންޏެވެ.

ކާޑީ ބީ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އޭނާ ތާއިދުކުރާ ކެންޑިޑޭޓަކީ ބާނީ ކަމަށް މީގެ ކުރިން ބުނެފައެވެ.

ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަވެރިކަން ބޮޑުވެފައި ވާއިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުން އެންމެ ގާތީ ބާނީއެވެ.