ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި އޮފްސެޓް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ. މިއީ މިދެތަރިން ލިބުނު ދެވަނަ ކުއްޖާއެވެ. މީގެ ކުރިން މިދެތަރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ. ކާޑީ ބީގެ ދަރިފުޅުގެ ފޮޓޯ މީޑިޔާގައި ހިއްސާކުރިއިރު ދަރިފުޅު އޮތީ ލުއި ވޮޓަން ރަޖާގަނޑަކަށް ލާފައެވެ.

ކާޑީ ބީ ދެވަނަ ދަރިފުޅު ވިހާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގެ ހޮސްޕިޓަލެއްގައެވެ. އޭނާ ބުނީ ފިރިހެން ދަރިފުޅު ލިބުމުން ވަރަށް އުފާވާ ކަމަށާއި އާއިލާވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި ދަރިފުޅުގެ އާއިލާގެ މެމްބަރުންނާއި ބައްދަލުކުރުމަށް މިހާރު ކެތްމަދުވެފައިވާކަމަށް އޭނާ ބުންޏެވެ.

ކުއްޖަކަށް ބަލިވެއިންކަން ކާޑީ ބީ އިއުލާން ކުރީ ބެޓް އެވޯޑްގައި ޖޫން މަހު އެވެ. ބަލިވެ އިނދެވެސް ގިނަ ލަވަތަކެއްގައި ކާޑީ ބީ ވަނީ ހަރަކާތްތެރިވެފަ އެވެ. މިހާރު ގިނަ ބަޔަކު ބޭނުންވަނީ ކާޑީ ބީގެ ފިރިހެން ދަރިފުޅަށް ކިޔާނޭ ނަމެއް ބެލުމަށެވެ.

މިއީ ކާޑީ ބީގެ ދެވަނަ ދަރިފުޅު ނަމަވެސް މިއީ އޮފްސެޓްގެ ފަސްވަނަ ދަރިފުޅެވެ.. އޮފްސެޓް ކުރިން އެކި މީހުންނާއި ރައްޓެހިވެ ތިންކުދިން ވަނީ ލިބިފަ އެވެ. އެއީ ޖޯޑަން ސީފަސް، ކޯޑީ ސީފަސްގެ އިތުރުން ކަލޭ މެރީ ސީފަސް އެވެ.

28 އަހަރުގެ ކާޑީ ބީ އާއި އޮފްސެޓް ބައްދަލުވީ 2017 ވަނަ އަހަރު އެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ވަރަށް ސިއްރުން ދެތަރިން ކައިވެނި ކުރިއެވެ.

ކާޑީ ބީ އާއި އޮފްސެޓް އަށް ފުރަތަމަ ކުއްޖަކު ލިބުނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ފުރަތަމަ ކުއްޖާއަށް ކިޔާފައިވާ ނަމަކީ ކަލްޗާ ކިޔާރީ ސީފަސް އެވެ.