ދެހާސް ތޭރަ ވަނަ އަހަރު މަސައްކަތް ފެށި ކެމްލިކާ މިސްކިތް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ހުޅުވައިދެއްވައިފިއެވެ.

ތުރުކީގެ އިސްތާންބޫލްގައި ހުޅުވި އެ މިސްކިތަކީ މުޅި ތުރުކީގެވެސް އެންމެ ބޮޑު މިސްކިތެވެ. މިސްކިތުގައި އެއް ފަހަރާ 63،000 މީހުންނަށް ނަމާދު ކުރެވެއެވެ.

މިސްކިތް ހުޅުވައިދެއްވުމަށް ފަހު އުރުދުޣާން ދެއްކެވި ވާހަކަތަކުގައި ވަނީ އަޅުކަން ކުރާ ތަންތަނަށް ދޭ ހަމަލާތައްް ކުށްވެރި ކުރައްވައިފައެވެ. އަދި އެއީ ޖިހާދު ނޫން ކަމަށާއި އެއީ ޓެރަރިޒަމް ކަމަށް ވިދާޅުވިއެވެ.

މިސްކިތުގައި ޖަހާފައިވާ ހަ މުންނާރުން ރަމްޒުކޮށްދެނީ އީމާންކަމުގެ ހަ ރުކުން ކަމަށް އޮފިޝަލުން ބުނެއެވެ. މިސްކިތުގައި ވަނީ ތުރުކީގެ އިސްލާމީ އާޓް ހިމެނޭ މިއުޒިއަމަކާއި ލައިބްރަރީއެއް އަދި ކޮންފަރެންސް ހޯލްތައް ގާއިމްކޮށްފަ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް މުސްލިމް ގައުމުތަކުގެ ވެރިންވެސް ބައިވެރިވެފައިވާ އިރު، މިސްކިތުގެ ރީތި ކަމުގެ ވާހަކަ މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ.