އިންޑިއާ އަވަށެއްގެ ބިމު އަޑިން އާދަޔާއި ޚިލާފަށް ދުން އަރަމުންދާ މައްސަލައެއް ބޮޑުވެގެން ގިނަ އަދަދެއްގެ ބަޔަކު ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި މިކަން ހިނގައިގެން ރިޕޯޓް ކޮށްފައިވަނީ އެޤައުމުގެ ޓްރިޕޫރާ ސްޓޭޓުގެ އަވަށެއް ކަމަށްވާ ކަތަލްޓައި އިންނެވެ. އެ ސަރަޙައްދުގެ ބިންގަނޑުން ދަނީ، އަލިފާން ފަރުބަދަތަކުން ފައިބާ، "ލާވާ" ފަދަ ދިޔާ އަލިފާނާއެކު ދުން އަރަމުން ކަމަށް ނޫސްތައް ބުނެއެވެ.

މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަނީ ކޮންނަން ފަށާފައިވާ ބައެއް ސަރަޙައްދުތަކުން އަލިފާނާއެކު ދުން އަރަމުންދާ މަންޒަރެވެ. އަދި ދިޔާ އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް އެތަންތަނުން ފެންނައިރު، ލާވާ ފިނިވެ ގަނޑުވެފައި ހުންނަ މަންޒަރުވެސް ފެނިގެން ދެއެވެ.

މި ހާދިސާ އާއި ގުޅިގެން ޓްރިޕޫރާ ސްޕޭސް އެޕްލިކޭޝަން ސެންޓަރ (ޓީއެސްއޭސީ)ގެ ތަޖުރިބާކާރުން އެ ސަރަޙައްދުގައި ތަހުލީލުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެފަރާތްތަކުން ހޯދި ހޯދުންތަކުންވެސް އެއީ ބިމުގެ އަޑިން އަރާ އަލިފާންކަން ހާމަވެފައިވާއިރު، އެ އަލިފާނުގެ ހޫނުމިން ދަށްވުމުން އުފެދޭފަދަ ގާފަދަ ތަކެތި އެ ސަރަޙައްދުން ހޯދާފައި ވެއެވެ.

އެ ސަރަޙައްދުން ގެންދިޔަ ސާމްޕަލްތަކެއްގެ ދިރާސާ އެހެން ބައެއް އިދާރާތަކާއި އެކު ޓީއެސްއޭސީން ވަނީކޮށްފައެވެ. އެ ސެންޓަރުން ބުނެފައިވާގޮތުގައި މިގޮތަށް ދިމާވަމުން ދަނީ ބިމު އަޑީގައި ހިނގަމުންދާ އަލިފާން ފަރުބަދަ ގޮވުމުގެ ކަންތައްތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. އަދި މިއީ އެ ސަރަޙައްދުގެ ބިމުގެ އަޑީގައިވާ ފޯލްޓް ލައިނެއްގެ ސަބަބުން ހިނގަމުންދާ ކަންތައްތަކެއް ކަމަށް އެ ސެންޓަރުން ލަފާކުރެއެވެ.

މި ފޯލްޓްލައިން އިންޑިއާގެ ހަ ސްޓޭޓަކާއި ހަމަޔަށް ދިގުދެމިގެން ދެއެވެ. މިއީ ދުނިޔެއަށް އަންނަ އެންމެ ބާރުގަދަ ބިންހެލުންތައް އައުމުގެ ފުރުސަތު އޮންނަ ސަރަޙައްދުތަކުގެ ތެރޭގައި ވެސް ހިމެނޭ ސަރަޙައްދުތަކެކެވެ. 1897 ވަނަ އަހަރު މި ސަރަޙައްދަށް ވަނީ ދުނިޔެ މިހާތަނަށް ދެކެފައިވާ އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރެއިން ބިންހެލުމެއް އައިސްފައެވެ. ރެކްޓަރ މިންގަނޑުން 8.7 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 1600 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ބިމުގެ އަޑިން ދުން އަރާ މައްސަލަތައް މީގެ ކުރިންވެސް ކަތަލްޓަލީ އަވަށް އޮންނަ ޓްރިޕޫރާގެ އެހެން އަވަށަކުން ފެންމަތިވިއެވެ. މިއީ ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެ ސްޓޭޓުން ރިޕޯޓްކުރި މިފަދަ ހަތަރު ވަނަ މައްސަލަ ކަމަށް އިދާރާތަކުން ނޫސްތަކުގައި ބުނެފައި ވެއެވެ. މީގެ ކުރިން ހިނގި މިފަދަ ހާދިސާތައް ރިޕޯޓްކޮށްފައި ވަނީ އެ ސްޓޭޓުގެ ސަބްރޫމް ނަމަކަށް ކިޔާ އަވަށަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބީބު

    ދެންގެރިކަލާނގެ އތާބައިންދަބަލަ ވާގޮތެއްބަލަން

  2. ާއިބޫ

    މުސްލިމުންނަށް އެންމެބޮޑަށް ދުއްތުރާކުރާ 2ގައުމަށް އަލިފާނުން ޢަޒާބު ލިބޭތަން ޢިބުރަތަކަށް ނުފުދޭތޯ؟