ގޮވާތަކެއްޗާއި އެކު ދަތުރުކުރި ޑްރޯން އެއް ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފިއެވެ.

ޔަމަން އާއި ސައުދީ ގުޅޭ ބޯޑަރު ސަރަޙައްދުން ސައުދީގެ ނަޖްރަން ސިޓީގެ އެއާޕޯޓަށް އަމާޒުކުރި މި ހަމަލާ ނާކާމިޔާބުކޮށްލާފައި ވަނީ ސައުދީ އެއާ ޑިފެންސް އިންނެވެ.

މިއަދުގެ ވަގުތެއްގައި ނަޖްރަންގެ އެއާޕޯޓަށް ދޭން އުޅުނު މި ހަމަލާ އާއި ގުޅިގެން އަރަބި ކޯލިޝަންގެ ތަރުޖަމާނު، ކާނަލް ޓާކީ އަލް މާލިކީ ނޫސްތަކުގައި ވިދާޅުވީ، ނަޖްރަންގެ އެއާޕޯޓަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދޭން އުޅުނީ ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ކަމަށެވެ.

މާލިކީ އިތުރަށް ވިދާޅުވީ، ހޫތީންގެ ހަމަލާ މިއަދު ސައުދީ އެއާ ޑިފެންސް އިން ނާކާމިޔާބުކޮށްލީ ސައުދީގެ ވައިގެ ސަރަޙައްދަށް ޑްރޯން ވަނުމާއިއެކު ކަމަށެވެ. އަދި ހޫތީ ހަނގުރާމަވެރިން މިހާރު ހަމަލާތައް އަމާޒުކުރަނީ އާންމު ޚިދުމަތްދޭ ތަންތަނަށް ކަމަށެވެ.

ހޫތީންގެ މި ހަރަކާތްތައް ހުއްޓާ ނުލައިފިނަމަ ކުރިޔަށް އޮތްތަނުގައި ސައުދީގެ ވަރުގަދަ ރައްދެއް އެފަރާތްތަކަށް ދޭން ޖެހިދާނެ ކަމުގެ އިންޒާރުވެސް މާލިކީ ވަނީ ދެއްވާފައެވެ.

ނަޖްރަންގެ އެއާޕޯޓަށް ހޫތީން މިއަދު ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާއިރު މީގެ ދެ ދުވަސްކުރިންވެސް ޑްރޯން ބޭނުންކޮށްގެން އެ ޖަމާޢަތުން ވަނީ އެ އެއާޕޯޓަކަށް ހަމަލާ އަމާޒުކޮށްފައެވެ. މީގެ އިތުރުން މި ހަފްތާ ތެރޭގައި އެ ޖަމާޢަތުން ވަނީ މައްކާ އާއި ސައުދީގެ މައި އެއާޕޯޓަކަށްވެސް ހަމަލާދޭން މަސައްކަތްކޮށްފައެވެ.