ސީރިއާގެ ވެރިރަށް ދިމިޝްކުގެ އަސްކަރީ ޒޯނެއްގައި ވަރުގަދަ ގޮވުމެއްގައި ގޮވައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައަށް އަހަރުތަކެއް ވެފައިވީނަމަވެސް ވެރިރަށް ދިމިޝްކަކީ އަދިވެސް ހަނގުރާމަވެރިންގެ ބާރު ނުފޯރާ ސަރަހައްދެކެވެ. އެހެންކަމުން ސީރިއާގެ އެހެން ސަރަހައްދުތަކަށް ވުރެ ދިމިޝްކުގެ ހާލަތު ރަނގަޅެވެ. ދިމިޝްކުގައި މިހާތަނަށް ދީފައި ވަނީ މަދު ހަމަލާތަކެކެވެ.

މިރޭ ދިމިޝްކުގައި އެއްޗެއް ގޮއްވާލާފައި ވަނީ އެގައުމުގެ ގަޑިން އިރުއޮއްސި 18:00 ހާއިރުއެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 20:00 ހާއިރު އެވެ. ދިމިޝްކުގެ ބައެއް އާއްމު ރައްޔިތުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުނެވެ.

އެއްޗެއް ގޮއްވާލާފައި ވަނީ ދިމިޝްކުގެ ހުޅަނގުގައި ސިފައިން ގާއިމުވެ ތިބޭ ސަރަހައްދެއްގައި ކަން ސީރިއާގެ ދައުލަތުގެ މީޑިއާ އިން ކަށަވަރު ކޮށްދިން ނަމަވެސް ހަމަލާގެ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. އެހެންކަމުން ހަމަލާގެ ސަބަބުން މީހަކު މަރުވި ކަމެއް ނުވަތަ ނޫންކަމެއް ވެސް ކަށަވަރެއް ނުވެއެވެ. އަދި ހަމަލާ ދިނީ ކިހިނެއް ކޮންބައެއް ކަން ވެސް ކަށަވަރެއް ނުވެއެވެ.

ނަމަވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއީ ވަރަށް ބާރުގަދަ ގޮވުމެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާއި ދެކޮޅަށް 2011 ވަނަ އަހަރު ފެށި މުޒާހަަރާ ދާހިލީ ހަނގުރާމައަކަށް ބަދަލުވެ ފާއިތުވި ހަތް އަހަރު ތެރޭގައި އެގައުމުން ވަނީ ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެ، މުޅި ގައުމު ސުންނާފަތިވެފައެވެ. ދާހިލީ ހަނގުރާމައިގެ ސަބަބުން 4.9 މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.

ސީރިއާގައި އެންމެ ބާރުގަދަ ކުރި އައިއެސް ޖަމާޢަތުގެ ބާރު މިހާރު ކަނޑުވާލެވިފައި ވީނަމަވެސް އަދިވެސް ހަތިޔާރު އެޅި އެތައް ޖަމާޢަތެއް އެގައުމުގައި ހަރަކާތްތެރިވަމުން އަންނާތީ ކައިރި މުސްތަގުބަލެއްގައި ގައުމުގައި ހަމަޖެހުން ގާއިމު ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދަންނަ

  ތިޔަވާނީ ތަނަކަށް ހަމަލާއެއް ދިނުމަށްޓަކާ ކޮންމެވެސް ބާރުގަދައެއްޗެއް ޓެސްޓުކުރަނީކަމަށް

  3
  2
  • ސާމިޔާ

   ނޫނޭ އެއީ ކުރީގެދުވަސްވެފަހުރި 5 ބުރި އިމާރާތެއްތާލަންއުޅުނީ ..

   1
   2
 2. Anonymous

  އޭނަ އުފަން ސިޓީ އައް އަޅާލާނެތާ ކިތަންމެ ވަރުގަދަ ޤާތިލަކައް ވިޔަސް އެ ލޮޓް އޮފް ސްޓޯރީސް އިނގޭ.

  1
  2