މިސްރުގެ އިންތިޚާބީ ރައީސް މުހައްމަދު މުރުސީ އަވަހާރަވުމުގެ ކުރިން އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ތަކެއް މުރުސީ އަށް އިންޒާރުދީ ބިރު ދެއްކި ކަން ހާމަ ވެއްޖެެެވެ.

މިސްރުގެ އިދިކޮޅު ފަރާތްތަކާއި ހަވަލާދީ މިސްރުގެ ބައެެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޒާރު ދިން މީހުން ވަނީ މުރުސީއަކީ ގާނޫނީ ގޮތުން މިސްރުގެ ރައީސަކަށް ހުރުމުގެ ހައްގު ލިބިފައި ނެތް ފަރާތެއް ކަމަށް އެއްބަސްވުމަށް މުރުސީ ކައިރި ބުނެފައެވެ.

މީގެ އިތުރުން މުރުސީ ނިސްބަތްވާ މުސްލިމް ބްރަދަހުޑް އުވާލުމަށް މަޖުބޫރުކުރުމާއި އެކަމަށް އެއްބަސް ނުވެއްޖެނަމަ އެކަމުގެ ނަތީޖާ ހިތި ވާނެ ކަމަށް ބުނެ އިންޒާރުދީފައި ވެއެވެ. އެމީހުން މުރްސީއަށް މުހުލަތުދިނީ ރަމަޟާން މަސް ނިމެންދެނެވެ.

މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ވަނީ 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން މުރުސީ މަގާމުން ދުރުކުރުމަށްފަހު، އޭނާގެ ޕާޓީ މުސްލިމް ބްރަދަހޫޑަކީ އެގައުމުގައި ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ފާސްކޮށްފަ އެވެ.

މިޞްރުގެ ޝަރުޢީ ދާއިރާގެ ބޭފުޅަކާ ހަވާލާދީ އަލް ޖަޒީރާ އިން ބުނީ މުރުސީ އަވަހާރަވުމުގެ ކުރިން 20 މިނެޓް ވަންދެން މެދު ނުކެނޑި ފަނޑިޔާރާ ވާހަކަ ދެކެވުނު ކަމަށެވެ. އަދި އެއްވެސް ހާސްކަމެއް ނެތި ހިނިތުންވުމާއެކު ވާހަކަ ދައްކަމުން ދަނިކޮށް ހޭނެތުނީ ކަމަށް އަލްޖަޒީރާއިން ބުނެއެެވެ.

ފަހުގެ ތާރީޚެއްގައި އިސްލާމީ ދުނިޔެދުށް އެންމެ ހިތްވަރުގަދަ މުސްލިމް ލީޑަރު ކަމަށްވާ މުރުސީ އަކީ މިސްރުގެ ހުދުމުހުތާރު ރައީސް ހުސްނީ މުބާރަކްގެ ވެރިކަމަށް ފަހު ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅާއެވެ.