ދިގު ދެމިގެން ދިޔަ މުޒާހަރާތަކަށް ފަހު މަގާމުން ދުރުކުރެވިފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު ބަޝީރަށް ސައުދީ އަރަބިއާއިން 90 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ބަޝީރުގެ ހިޔާނާތުގެ މައްސަލަ ބަލާ ފުލުހުންގެ މީހަކު ކޯޓުގައި ބުނެފިއެވެ.

ސައުދީން ދިން ފައިސާގައި އަލް ބަޝީރު ހިފިކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ތަހުގީގު ޓީމުގައި ހިމެނޭ މި ފުލުހުސް މީހާ ވަނީ ހެކި ބަސް ދީފައެވެ.

ބަޝީރު މަގާމުން ދުރުކުރީ މުޒާހަރާތަށް ހޫނުވެ އަސްކަރިއްޔާއިން އޭނާ މަގާމުން ދުރުކުރުވުމުންނެވެ. އެ ފައިސާ އަކީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި 90 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކަމަށް ބަޝީރު ބުނި ކަމަށް ފުލުސް މީހާ ބުންޏެވެ.

ސޫދާންގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވެރިކަމުގައި ހުރި ބަޝީރު ހައްޔަރުކުރުމަށް ފަހު އެ އޭނާގެ ގެކޮޅު ބަލާ ފާސްކުރުމުގެ ތެރޭގައި އެގެކޮޅުން ގިނަ އަދަދެއްގެ ޔޫރޯވެސް ވަނީ ފެނިފައެވެ.

އުމަރު ބަޝީރު ހައްޔަރު ކުރުމަށް ފަހު، އެ ގައުމުގެ އަސްކަރިއްޔާއިން ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ.

އުމަރު އަލް ބަޝީރުގެ ޝަރީއަތް ފަށާފައިވާއިރު ކޮރަޕްޝަނާއި ހިޔާނާތުގެ އަޑުއެހުމުގައި އޭނާ ވާހަކައެއް ނުދަކައެވެ.

ބަޝީރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށުނީ ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާއި ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެންމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު މުޒާހަރާ ކޮށްފައެވެ.