ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެގަންނަމުންދާ އިސްރާއިލް ސިފައިން ފަލަސްތީނުގެ އާއްމު ރައްޔިތުންގެ ބައެއް ގެތަކަށް ބަޑީގެ ހަމަލާތައް ދީފިއެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ "ވަގުތު"ގެ ނޫސްވެރިޔާ ވަފާ ބުނެފައިވާ ގޮތުގައި ޣައްޒާގެ ރައްޔިތުންތަކެއް އިސްރާއީލް އަށް ރޮކެޓު ހަމަލާއެއް ފޮނުވާލި ކަމަށް ބުނެ އެ ގައުމުން ވަނީ ޣައްޒާ އަށް ހަމަލާ ދީފައިކަމަށެވެ.

އިސްރާއިލް ސިފައިން އާއްމު ރައްޔިތެއްގެ ގެއަށް އަމާޒުކޮށް ދިން ބަޑީގެ ހަަމަލާތައް / ވަގުތު އިމޭޖަސް - ވަފާ

ވަފާ ބުނެފައިވާ ގޮތުގައި މި ރޮކެޓު ހަމަލާ އަމާޒު ވެފައި ވަނީ އިސްރާއިލުގެ ހުސް ބިމަކަށެވެ. އަދި ހަމަލާގެ ސަބަބުން އެ ގައުމުގެ އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

ނަމަވެސް، އިސްރާއިލް ސިފައިން ވަނީ ޣައްޒާގެ އިރުމަތީ ފަރާތުގައި ހުރި ފަލަސްތީނުގެ ދެ ޕޯސްޓަކަށް ހަމަލާ ދީ، ބައެއް އާއްމުންގެ ގެތަކަށް ބަޑީގެ ހަމަލާތައްވެސް ދީފައެވެ.

އިސްރާއިލް ސިފައިން އާއްމު ރައްޔިތެއްގެ ގެއަށް އަމާޒުކޮށް ދިން ބަޑީގެ ހަަމަލާތައް / ވަގުތު އިމޭޖަސް - ވަފާ

މި ހަމަލާތައް ދީފައި ވަނީ އާއްމުންގެ ގެތަކުގެ ކުޑަދޮރުތަކަށް އަމާޒު ކޮށްފައެވެ. އެހެންކަމުން ވަޒަންތައް ވަނީ ބިއްލޫރިގަނޑު ފޫ އަޅުވާލައި އާއްމުންގެ ގެތައް ތެރެއަށް ވަދެފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކޮންމެ ހުކުރު ދުވަހެއްގައިވެސް ޣައްޒާގެ ރައްޔިތުން ހުކުރު ނަމާދަށް ފަހު އިސްރާއިލް އާއި ދެކޮޅަށް އަންނަނީ އަޑު އުފުލަމުންނެވެ. މިކަން ކުރަމުން އަންނަތާ އެތައް ހަފްތާ އެއް ވެގެން ގޮސްފައި ވާއިރު، ގިނަ ފަހަރަށް އިސްރާއިލް ސިފައިން އެއްވެސް ކަމަކާއި ނުލައި ފަލަސްތީނު ރައްޔިތުންގެ ލޭ އޮހޮރުވާލައެވެ.

އިސްރާއިލް ސިފައިން އާއްމު ރައްޔިތެއްގެ ގެއަށް އަމާޒުކޮށް ދިން ބަޑީގެ ހަަމަލާތައް / ވަގުތު އިމޭޖަސް - ވަފާ