އިސްރާއިލު ސިފައިން ފަލަސްތީނު ރައްޔިތެއް ގަޔަށް ބަޑި ޖެހުމަށް ފަހު އުފާފާޅުކުރާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މި ވީޑިއޯ އިން ފެންނަނީ އިސްރާއީލުގެ ސިފައިންގެ މީހަކު ފަލަސްތީނުގެ ޣައްޒާގެ އިން ކައިރީގައި ހުރި މީހަކު ގަޔަށް ބަޑި ޖެހުމަށް ފަހު އުފާފާޅުކުރާ މަންޒަރެވެ.
މި ހާދިސާ ފަލަސްތީނުގެ އިންސާނީ ހައްގުތަކާއި ބެހޭ އެކްޓިވިސްޓުން ދަނީ ކުއްވެރިކުރަމުންނެވެ. އަދި މީސްމީޑިއާގައި މި ވީޑިއޯ މިހާރު ދަނީ ހަލުވި ކަމާއިއެކު ދައުރުވަމުންނެވެ.
ފަލަސްތީނުގެ މިނިވަން ކަމައްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 31 އަރައިފައިވާއިރު ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 2850 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.
މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.
ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ.
މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ސީދާ މީހުންގެ ބޮލަށް ނުވަތަ މެއަށް ވަޒަން އަރާގޮތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލް ސިފައިންގެ އަނިޔާވެރި އަމަލުތައް ހައްދުފަނައަޅާފައި ވާއިރު އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ގެ ތަރުޖަމާން ލިޒް ތްރޯސެލް ވިދާޅުވެފައިވަނީ ފަލަސްތީންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.
މީގެ ދެ ހަފްތާ ކުރިން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި މުޒާހަރާތަކަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ ކުރާ މުޒަހަރާތަކެކެވެ.
ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އެއީ ޣައްޒާގެ ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.
އެކަމަކު ޓްރަމްޕު އެޔޮއްގޮވަނީ ސީރިޔާގަ މީހުންމަރާފަ ބައްސާރު އުފާކުރަނިއްޔޯ! ދެބައިމީހުންވެސް މިކުރަނީ އެއްކަމެއް. އެކަމަކު އިސްރާއީލް އޯކޭ ހަމަ! ޓްރަމްޕޫ މީގައި ވާއެއްޗަކީ އަދި ނުވާއެއްޗަކީ ކޮބާ؟ އިސްރާއީލު ސިފައިން އެ ބަޑިޖަހަނީ ބުދުތަކަކަށްދޯ؟ ރަނގަޅަށް ދެލޯ ހުޅުވަބަލަ ޓުރަމްޕޫ. ހަމަޖެހޭ އެއްޗެއް ކިޔާބަލަ. ސީރިޔާއަށް އިންޒާރު ދޭގޮތަށް އިސްރާއީލަށްވެސް އިންޒާރު ދީފަ މިޔސައިލް ފޮނުވަބަލަ. ދެ މިސައިލުން އެއް މިސައިލް އިސްރާއީލަށްވެސް އަމާޒުކޮށްލަބަލަ.