އިންގްލޭންޑުގައި ހުންނަ ބޯލްޓެން ޔުނިވާރސިޓީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 100 އަށް ވުރެ ގިނަ ދަރިވަރުން ސަލާމަތްކޮށްފިއެވެ.

ރޭގެ ވަގުތެއްގައި މެންޗިސްޓަރގެ ބޯލްޓެން ޔުނިވާސިޓީގައި ކުދިން ތިބޭ ލަގްޒަރީ ފްލެޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 8:50 ގައެވެ.

މީޑިޔާގައި ދައުރުވަމުންދާ މި ހާދިސާގެ ވީޑިޔޯތަކުން ދައްކާގޮތުގައި ކުދިން ތިބޭ ލަގްޒަރީ ފްލެޓްގެ އެންމެ މަތީ ބައި ގައި ވަނީ އެއްކޮށް ހުޅު ހިފާ އަދާ އަޅިއަށް ވެފަައެވެ. މި ހާދިސާ ހިނގުމާއެކު އަލިފާން ނިއްވުމަށް 40 ފަޔާ ޓްރަކް ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ފަޔާފައިޓަރުން ހަރަކާތްތެރި ވެފައި ވެއެވެ.

މި ހާދިސާގައި ސަލާމަތްވި ކުއްޖަކު މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ވައި ގަދަވުމުގެ ސަބަބުން އަލިފާން ހަލުވިކަމާއެކު ފެތުރިގެން ދިޔަކަމަށެވެ. އަދި އޭރު ފްލެޓްގައި ތިބި ކުދިންނަށް އަލިފާންގަނޑު ފެނިގެން ދިޔައިރު ގިނަ ކުދިން ސަލާމަތްވުމަށް އަވަސްވެގަތް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ބައެއް ކުދިން ހާސްވާގޮތްވެ މީހުންނަށް ގުޅާ އެހީއަށް އެދެމުން ދިޔަކަމަށް އެނާ ބުނެފައި ވެއެވެ.

"ދުން ވަސް ފުރަތަމަ އަހަރެންގެ ނޭފަތުގައި ޖެހުނީމާ ހިތަށް އެރީ ބަދިގޭގައި ކައްކަން އުނދާފައި ހުރި އެއްޗެއް އެނދީ ކަމަށް. އެހެން ނަމަވެސް އެއްވެސް އެއްޗެއް އުނދުން މައްޗަށް އުދާފައި ނެތުމުން ބޭރަށް ނިކުމެ ބަލާލިއިރު ފެނުނީ ކޮލެޖްގެ މަތީ ފަންގި ފިލާތައް އެއްކޮށް އަލިފާނުން ދިއްލިފައި ހުއްޓައި. އޭރު ވެސް އެތައް ކުއްޖެއްގެ ރުއިމާއި ހަޅޭކުގެ އަޑު އެ ސަރަހައްދުން ކެނޑިގެންނެއް ނުދޭ." އެ މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ފަށައިފައި ވާކަމަށް މެންޗިސްޓަރ ގެ ބޯލްޓެގެ ފުލުސް އިދާރާއިން ބުނެފައި ވާއިރު ގިނަ މަގުތަކެއް މި ހާދިސާއާއި ގުޅިގެން ވަނީ ބަންދު ކޮށްފައެވެ.

އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ރޭ ދަންވަރު 2:00 ހާއިރު ކަމަށް ވެއެވެ. މި ހާދިސާގައި އެތަށް ކުއްޖެއްގެ ތަކެއްޗަށް ގެއްލުން ލިބިފައި ވާއިރު މިހާތަނަށް އެއްވެސް ކުއްޖަކަށް ސީރިއަސް އަނިޔާއެއް ލިބިގެން ރިޕޯޓްކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދުމުގެ އަސަރުކުރުމުގެ ސަބަބުން 20 ވަރަކަަށް ކުދިންނަށް ހޮސްޕިޓަލްގައި ފަރުވާ ދެވެމުންދާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.