ސްރީލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނުކަން ގޮޓަބަޔާ ރާޖަޕަކްސަ އިއުލާން ކޮށްފިއެވެ.

ގޮޓަބަޔާ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރިނަމަވެސް އަދި ގުނައި ނިމިފައި ވަނީ މަދު އަދަދެއްގެ ވޯޓެވެ. ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަދި ގުނައި ނިމިފައި ވަނީ ތިން މިލިއަނެއްހާ ވޯޓެވެ. ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ 15 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވޯޓްލާން ނިކުތެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު ގޮޓަބަޔާގެ އެންމެ ވާދަވެރި ކެންޑިޑޭޓް ސަޖިތު ޕްރަމަދޭސަ ވެސް އަންނަނީ ވަރަށް ގާތުން ވާދަކުރަމުންނެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ތަމަޅައިގެން ގިނަ ލަންކާގެ އުތުރުގެ ސަރަހައްދުތައް ސަޖިތު ވަނީ ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. އަދި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސަރަހައްދުތައް ކަމަށްވާ އިރުމަތީގެ ސަރަހައްދުތަކާއި އެންމެ ދެކުނުން ގޯލް އިން ވެސް ކުރި ހޯއްދެވީ ސަޖިތު އެވެ.

ނަމަވެސް ބޮޑެތި ސިޓީތައް ކަމަށްވާ ކެންޑ،ީ ކަރުނާގަލަ، މޮނަރަގާލް ފަދަ ސިޓީތަކުން ކުރި ހޯއްދެވީ ގޮޓަބަޔާ އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ސަޖިތު އަށް ކުރި ލިބޭނެކަމަށް ކުރިން ވެސް ލަފާކުރެވުނު ތަންތަނުގެ ވޯޓްތަކުގެ ބޮޑު ބައެއް ގުނައި ނިމިފައި ވާއިރު އެނަތީޖާ އާއި އެހެން ސަރަހައްދުތަކުން ގޮތަބަޔާ ހޯދަމުންދާ ކާމިޔާބަށް ބަލާއިރު ދެން ސަޖިތު އަށް ކުރި ލިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ.