އައިސިސް ޖަމާޢަތުގެ ކުރީގެ ލީޑަރު، އަބޫބަކުރު އަލް-ބަޣްދާދީ މަރާލުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ކުއްތާއަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ސެލިއުޓް ނަގައި، ރަސްމީކޮށް ކުއްތާގެ އަގުވަޒަން ކޮށްފިއެވެ.

'ކޮނަން' ގެ ނަމުން ނަން ދެވިފައިވާ ކުއްތާ، ބަޣްދާދީގެ އޮޕަރޭޝަނުގައި ދެއްކި ހިތްވަރުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމެރިކާގެ ވައިޓް ހައުސް ގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ ކޮނަން އަށް ޚާއްސަ މެޑައްޔެއް ދީފައެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންޗް ވެސް ބައިވެރިވިއެވެ. ޑޮނަލްޑް ޓްރަމްޕް ބުނީ ކޮނަން އަކީ ކުޅަދާނަ ފަހުލަވާނެއް ކަމަށާއި، ކޮނަންގެ ވިސްނުމުގެ ނިޒާމަކީ އަޖާއިބެއް ކަމަށެވެ.

"ކޮނަން އަކީ ނުހުއްޓުވޭނެ ބާރެއް. ކޮނަން އަކާ ނުކުޅެވޭނެ އެކަކަށްވެސް" ޓްރަމްޕް ބުންޏެވެ.

މިދިޔަ މަހު ބަޣްދާދީ ހައްޔަރުކުރަން އެމެރިކާ ސިފައިން ބަޣްދާދީ ސީރިއާގައި ހުރި ތަނަށް ޖެހި ރެއިޑްގައި ކޮނަން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ކޮނަން އަށް ވަނީ އަނިޔާވެސް ވެފައެވެ.

އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި ބަޣްދާދީ މަރުވެފައި ވަނީ ތިން ކުދިންނާއި އެކު އަމިއްލަޔަށެވެ. އޭނާ ޖާނުން ފިދާވެގެން މަރުވެފައި ވަނީ އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ މި އޮޕަރޭޝަންގައި އެމެެރިކާ ސިފައިން ހަމަލާތައް ދޭން ފެށުމުން އަލް-ބަޣްދާދީ ވަނީ އޭނާގެ ތިން ކުދިންނާއި އެކު ބިންގަރާހަކަށް ވަދެފައެވެ. އަދި އެތާ އެތެރޭގައި އޭނާ ވަނީ އުނަގަނޑުގައި އަޅުވާފައިވާ ސުއިސަޑް ބެލްޓެއް ގޮއްވާލުމަށް ފަހު 3 ކުދިންނާއި އެކު ޖާނުން ފިދާވެގެން މަރުވެފައެވެ.