މި މަހުގެ 8 ވަނަ ދުވަހު، އިރާންގެ ވެރިރަށް ތެހްރާނުން ފުރައިގެން ޔޫކްރޭންގެ ކިއެވްއަށް ދަތުރުކުރަމުންދިޔަ ޔޫކްެރޭން ފްލައިޓްގެ ކަޅު ފޮށި އަނބުރާ ފޮނުވުމަށް އިރާނުން ނިންމައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އިރާނުން ވަނީ އެމީހުން މިހާރު އެ ފްލައިޓުގެ ކަޅު ފޮށި އެގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެގައުމުގެ ނޫހެއް ކަމަށްވާ ތަސްނިމް އިން ބުނެފައިވަނީ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ފްރާންސް، ކެނެޑާ އަދި އެމެރިކާގެ ފަރާތްތަކާއި ގުޅިގެން ފްލައިޓް ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކަޅު ފޮށި ފޮނުވާލާ ވާހަކަ ދައްކާފައިވާއިރު، އެ ފޮށި ހަވާލުކުރާނެ އިރާނުން ސީދާ ވަކި ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ.

ޔޫކްރޭންގެ ފްލައިޓް ބޮއިންގް 800-737 ވެއްޓިފައިވާއިރު އޭގެ ތެރޭގައި 176 މީހުން ތިއްބެވެ. އެގޮތުން އެ ބޯޓުގައި އެވަގުތު ތިބި ފަސެންޖަރުންގެ ތެރޭގައި އިރާނުގެ 82 މީހުންނާއި، ކެނެޑާއަށް ނިސްބަތްވާ 63 މީހުން، ޔޫކްރޭންގެ 11 މީހުން، ސްވެޑެސް އަށް ނިސްބަތްވާ 10 މީހެއްގެ އިތުރުން، އަފްގާން އަށް ނިސްބަތްވާ 4 މީހުން، ޖަރުމަނަށް ނިސްބަތްވާ ތިން މީހަކާއި، އިނގިރޭސިވިލާތަށް ނިސްބަތްވާ ތިން މީހުން ތިއްބެވެ.

މީގެ ކުރިން ފްލައިޓް ވެއްޓުމުން ބައެއް މީޑިއާތަކުން ބުނެފައިވަނީ ފްލައިޓް ވެއްޓިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެހާދިސާ ހިނގާދިޔައީ އިރާނާއި އެމެރިކާ ކޯޅުމުގެ ތެރޭގައި އޮތް ދަނޑިވަޅެއްގެ ތެރޭގައި ވުމުން ގިނަ ބަޔަކު ވަނީ، ފްލައިޓް ވެއްޓިފައިވަނީ ނިރުބަވެރި ހަމަލާއެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އިރާނުން މިކަމާއި އެއްބަސް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން އިރާނުން ވަނީ ބޯޓު ވެއްޓިފައިވަނީ ނޭނގުމުގެ ތެރޭގައި ކަމަށް ބުނެފައެވެ.

މީގެ ކުރިން އިރާނުން ވަނީ ވެއްޓުނު ފްލައިޓުގެ ކަޅު ފޮށި ޔޫކްރޭން އަދި ބޮއިންގެ ކުންފުންޏަށް ހަވާލު ނުކުރުމަށްވެސް ނިންމާފައެވެ.