ދެކުނު އެފްރިކާއިން ކޮވިޑް-19 ފެނިއްޖެ އެވެ.

ދެކުނު އެފްރިކާގެ ހެލްތް މިނިސްޓްރީން ވަނީ އެގައުމުން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން އެގައުމުގެ ހެލްތް މިނިސްޓްރު ވެލި މިކީޒް ނެރެފައިވާ ބަޔާނެއްގައި ވަނީ އެގައުމުން ކޮވިޑް-19 ޖެހިގެން ފެނިފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ އަކީ އޭނާގެ އަންހެނުންނާއި އެކީ އިޓަލީއަށް ދަތުރު ކޮށްފައިވާ މީހެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގައުމުގެ ހެލްތް އިން ބުނެފައިވަނީ އެދެމަފިރިން އަނބުރާ ގައުމަށް އައިސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭގެ ދެދުވަސް ފަހުން ބޮލުގައި ރިއްސުމުގެ އިތުރުން ކަރަށް ތަދުވެ ކެއްސާތީ ޑޮކްޓަރަށް ދެއްކުމުން އެ ވައިރަސް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައިވާ ކަމަށެވެ.

އޭގެފަހުން އޭނާ ހުރީ ކަރަންޓީން ކޮށްފައި ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިފައިވާ ގައުމުތަކުން މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ކޮންޓްރޯލް ނުވެ އިތުރު ގައުމުތަކުގައި ދަނީ ފެތުރެމުންނެވެ.