ސޯމާލިއާ އާއި ގްރީންލޭންޑުންވެސް ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ފެނިއްޖެއެވެ.

ސޯމާލިއާގެ ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 ފެތުރެމުންދާ ގައުމަކުން ސޯމާލިއާ އަށް ސޯމާލިއާ ރައްޔިތަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށެވެ. އޭނާ އަކީ ކޮވިޑް-19 ފެތުރެމުންދާ ގައުމަކުން އައި އިރު ބަލީގެ އަލާމާތްތައް ހުރުމުން އެކަހެރި ކުރެވިފައި ހުރި މީހެއް ކަމަށް ވެސް ސޯމާލިއާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އޭނާ އައީ ކޮން ގައުމަކުން ކަމެއް ސޯމާލިއާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ސޯމާލިއާ ސަރުކާރުން ބުނީ ޗައިނާ އިން އައި މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށުމުން އޭނާ އެކަހެރި ކުރެވިފައި އެބަހުރި ކަމަށެވެ.

އެޓްލާންޓިކްގައި އޮންނަ ގްރީންލޭންޑުން ކޮވިޑް-19 ފެނުމާއި ގުޅޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ ބަލި އިތުރަށް ފެތުރިގެން ދިއުން ހުއްޓުވަން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން 100 މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން އެއްވެސް ހަރަކާތެއް ބޭއްވުން ވަނީ މަނާ ކޮށްފައެވެ.

އަދި ކޮވިޑް-19 އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ގައުމުތަކުން ގްރީންލޭންޑަށް ދަތުރު ކުރާ ފްލައިޓްތައް ވަނީ ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން އެގައުމުގެ ރައްޔިތުން ވެސް މިދުވަސްވަރު ދަތުރުތައް ނުކޮށް ގޭގައި މަޑުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.