ދުނިޔޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ވައިރަސް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ނެދަލޭންޑުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ޖުމްލަ 147 މީހަކު ވަނީ މަރުވެފައެވެ. މިއާއިއެކު ވައިރަހުގެ ޝިކާރަ އަކަށްވެ އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،248ށް އިތުރުވެފައެވެ.

ނެދަލޭންޑުގައި ވައިރަސް ފެތުރެން ފެށީ އެ ގައުމުގެ މީހަކު އިޓަލީ އަށް ގޮސް އެނބުރި ގައުމަށް އައި ފަހުން ކަމުގައިވާއިރު، އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ ގައުމުން އެތައް ބަޔަކު ދަނީ މުޅިން އަލަށް ވައިރަހަށް ފައްސިވެ، މަރުވެސް ވަމުންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މުޅިން އަލަށް 969 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، މިހާރު އެ ގައުމުން ޖުމްލަ 20،549 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އަދި އެ ގައުމުގައި ފައްސިވާ މީހުންގެ ތެރެއިން ރަނގަޅު ކުރެވިފައި ވަނީ 250 މީހުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރަށްވެސް މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ނެދަލޭންޑުގައި ވަައިރަސް ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާއިރު، އެމެރިކަ އާއި އިނގިރޭސިވިލާތިގެ އިތުރުން އީރާނުގެ ހާލަތުވެސް އަދި ރަނގަޅުވާ މަންޒަރެއް ނުފެނެއެވެ.