ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ފްރާންސަށް ބޮޑުވަމުން ދާތީ، އެޤައުމުގައި މި ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް މަހަށް ދިގުދެންމުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ފްރާންސަށް އިތުރުވެ، ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ނުވެ، ބަލީގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު ފްރާންސުން މަރުވަމުންދާ މި ދަނޑިވަޅުގައި ފިޔަވަޅުތައް އެއްމަހަށް އިތުރު ކުރުމަށް ނިންމަވައި އެކަން އިއުލާނުކުރެއްވީ، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އެވެ.

މިކަމާއި ގުޅޭގޮތުން ޤައުމާއި މުޙާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި މެކްރޯން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ފްރާންސްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި އިތުރު އެއްމަހަށް ދިގުދެމިގެންދާނެ ކަމަށާއި، ޚާއްސަ ގޮތެއްގައި އެޤައުމުގެ ސަރަޙައްދީ އިމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔަށް އޮތްތަނުގައި އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

"ޔަޤީނުންވެސް އަދި އާންމު ދިރިއުޅުމަކަށްދާން އަޅުގަނޑުމެން ތައްޔާރެއް ނޫން. އެކަމަކު ވައިރަސް އާއި ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މިވަގުތު މި ދަނީ އަޅަމުން. އެހެންކަމުން ވައިރަސްގެ ނުރައްކާ ކުޑަވަންދެން، މި ޤަވާއިދުތައް ދިގުދެމިގެންދާނެ،" މެކްރޯން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފްރާންސްގެ ސްކޫލްތަކާއ އާންމު ގިނަ ވިޔަފާރިތަކާއި ޚިދުމަތްތައް ވަގުތީގޮތުން ހުއްޓުވާފައިވާއިރު، މި ފިޔަވަޅުތައް ލުއިކުރުމަށް މިހާރު ނިންމާފައި ވަނީ އަންނަ މޭއި މަހުގެ 11 ވަނަ ދުވަހުއެވެ.

ފްރާންސް އަކީ މިހާތަނަށް ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިހާތަނަށް އެޤައުމުން 136779 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 14967 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް އެޤައުމުން 4188 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް މި ބަލީގައި އެޤައުމުން 574 މީހަކު ވަނީ މަރުވެފައެވެ.

ފްރާންސް އަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މިބަލީގައި މަރުވެފައިވާ ޤައުމެވެ. ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، އެޤައުމުން މި ބަލި ޖެހުމަށްފަހު، ބަލިން ރަނގަޅުވެފައި ވަނީ 27718 މީހެކެވެ. އަދި 6821 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.