އިންޑޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާއި 6360 ކިލޯމީޓަރު ދުރުން އިންޑޮނީޝިއާގެ "ބަންޑާ ސީ" އަށެވެ. މި ބިންހެލުން އައިސްފައި ވަނީ މިއަދު ރާއްޖެ ގަޑީން 7:00 ހާއިރު އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވިދާޅުވީ، މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި ބިމުގެ 109 ކިލޯމީޓަރު އަޑިން ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މިރޭ އިންޑޮނީޝިއާ އަށް އައި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށެވެ.

މިރޭ އިންޑޮނީޝިއާ އަށް އައި ބިންހެލުމާއި ގުޅިގެން އެޤައުމަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޫސްތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް ނެރެފައި ނުވެއެވެ.

އިންޑޮނީޝިއާއަކީ ގިނަ އަދަދަކަށް ބިންހެލުން އަންނަ ޤައުމެކެވެ. އެޤައުމަކީ ފަހުގެ ތާރީޚެއްގައި ވެސް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ޤައުމެވެ. އެގޮތުން 2004 ވަނަ އަހަރު އެޤައުމުގެ ސުމްޓަރާއަށް ރެކްޓަރ މިންގަނޑުން 9.0 ގެ ބާރުމިނުގައި އައި ބިންހެލުމަކަށްފަހު އުފެދުނު ގެއްލުންބޮޑު ސުނާމިއެއްގައި ރާއްޖެ ހިމެނޭހެން އޭޝިއާގެ ބޮޑު ސަރަޙައްދަކަށް އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައި ވެއެވެ.