ބޭ އޮފް ބެންގާލްގައި މިހާރު ދައުރުވަމުންދާ ވަރުގަދަ ތޫފާން، "ތޫފާން އެމްފަން" މޫސުމާއި ބެހޭ އިދާރާތަކުން ކުރިން ލަފާކުރި ވަރަށްވުރެ އަވަހަށް އެންމެ ބާރުގަދަ ތޫފާނަކަށް ބަދަލުވެއްޖެ އެވެ.
ތޫފާނެއްގެ ބާރު އެންމެ ގަދަވާ، "ވެރީ ސިވިއާ ސައިކްލޯން" އަކަށް ތޫފާން އެމްފަން ބަދަލުވެފައިވާކަން ހާމަކޮށްފައި ވަނީ އިންޑިއާގެ މީޓިއޮލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ) އިންނެވެ. އެ އިދާރާއިން ކުރިން ލަފާކޮށްފައިވާ ގޮތުން މި ތޫފާން އެންމެ ބާރުގަދަ ގިންތީގެ ތޫފާނަކަށް ބަދަލުވާނީ މިމަހުގެ 18 ނުވަތަ 19 ވަނަ ދުވަހުއެވެ.
މިވަގުތު ތޫފާނުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާގެ އިރުމަތީ އައްސޭރީގެ ސަރަޙައްދުތައް ހިމެނެއެވެ. ކުރިޔަށް އޮތް ވަގުތުތަކުގައި މި ސަރަޙައްދުތަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވިފައިވާއިރު، ތޫފާނުގެ ނުރައްކަލާއި ގުޅިގެން ގިނަ ސަރަޙައްދުތަކަށް އިންޑިއާގައި ވަނީ ރަތް ސަމާލު (ރެޑް އެލާޓް) ނެރެފައެވެ.
އައިއެމްޑީން ބުނެފައިވާ ގޮތުގައި ތޫފާން އެމްފަން މިހާރު ދައުރުވަމުން ދަނީ، އެޤައުމުގެ އިރުމަތީގައި އޮންނަ އޮޑީޝާ ސްޓޭޓުގެ ބޭރުން 930 ކިލޯމީޓަރު ދުރުގައި ކަމަށާއި ބަންގްލަދޭޝްގެ ހުޅަނގުދެކުނު އައްސޭރިން 1200 ކިލޯމީޓަރު ދުރުން ކަމަށެވެ. އެހެންކަމުން މިވަގުތު ތޫފާނުގެ އަސަރު ބޮޑަށް ކުރާނީ އިންޑިއާއަށެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ބާރުގަދަވެ، އޭގެ އަސަރު ބަންގްލަދޭޝް އަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާކޮށްފައިވާއިރު، އެޤައުމަށް ތޫފާން އަރާނެ ކަމަށް ބެލެވިފައި ވަނީ މިމަހުގެ 19 ނުވަތަ 20 ވަނަ ދުވަހުއެވެ. ތޫފާން އެޤައުމަށް އަރާއިރު ދައުރުވަމުން ދާނީ އޭގެ އެންމެ ބާރުމިނުގައި ކަމަށާއި، ތޫފާނުގެ ބާރު ދަށްވާނީ އެޤައުމުގެ އައްސޭރީގެ ސަރަޙައްދުތަކަށް އަރާ ފަހުން ކަމަށް ވެސް އިދާރާތަކުން ބުނެފައި ވެއެވެ.
އިދާރަތަކުން ބުނާގޮތުގައި ތޫފާން އެމްފަން އަކީ ޕެސިފިކް ކަނޑުގައި އުފެދޭ ބާރުގަދަ ނަގޫރޯޅިއަކާއި އެއްވަރުގެ ތޫފާނަކަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެފަދަ ނަގޫރޯޅިއެއް ޤައުމުތަކަށް އަރާވަގުތު ލިބޭ ގެއްލުމާއި އެއްވަރުގެ ގެއްލުންތަކެއް ތޫފާން އެމްފަން އަރާ ޤައުމުތަކަށްވެސް ލިބިދާނެކަމަށް އެ އިދާރާތަކުން ލަފާކޮށްފައި ވެއެވެ.
ތޫފާން އެމްފަން އަކީ މިއަހަރު ދެކުނު އޭޝިއާ ސަރަޙައްދުގައި އުފެދުނު މިފަދަ ފުރަތަމަ ތޫފާނެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް އުފެދުނު މި ތޫފާން ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.
ތޫފާނުގެ ގިންތިތައް:
1. ކޮޅިގަނޑު (ލޯ ޕްރެޝަރ ސިސްޓަމް)
2. ބާރުގަދަ ކޮޅިގަނޑު (ޑިޕްރެޝަން)
3. ވަރަށް ބާރުގަދަ ކޮޅިގަނޑު (ޑީޕް ޑިޕްރެޝަން)
4. ތޫފާން (ސައިކްލޯން)
5. ބާރުގަދަ ތޫފާން (ސިވިއާ ސައިކްލޯން)
6. ވަރަށް ބާރުގަދަ ތޫފާން (ވެރީ ސިވިއާ ސައިކްލޯން)
.