އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަޅު ނަސްލުގެ މީހަކު މަރާލުމާއި ގުޅިގެން ކުރިޔަށްދާ މުޒާހަރާ ހޫނުވެ، އެޤައުމުގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ހުންނަ ސަރަޙައްދަށް މުޒާހަރާގެ ބައިވެރިންދާން ފެށުމުން އެ ގަނޑުވަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި ބަންދުކޮށްފިއެވެ.

އެމެރިކާ ފުލުހުންނާއި ދެކޮޅަށް ކުރާ މި މުޒާހަރާ ދިގުލައިގެންގޮސް އެތައް ހާސް މީހުންނެއް މުޒާހަރާގައި ބައިވެރިވަމުން އަންނައިރު، ގިނަ އަދަދެއްގެ ބަޔަކު، ވޮޝިންޓަންގައި ވައިޓް ހައުސް ހުންނަ ސަރަޙައްދަށް ޖަމާވަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.

ވައިޓް ހައުސް ކައިރިޔަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަނީ

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އާއިލާ ދިރިއުޅެމުންދާ ވައިޓް ހައުސް ބަންދުކޮށްފައި ވާއިރު އެ ސަރަޙައްދުގެ މަގުތައްވެސް ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ސަރަޙައްދުން ދުރުކުރުމަށްޓަކައި ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވައިޓް ހައުސް ހުންނަ ސަރަޙައްދުގައި އެތައް ސަތޭކަ ބަޔަކު އެއްވެސް މުޒާހަރާކުރަމުންދާ މަންޒަރު ފެނެއެވެ. އަދި ގިނަ ބަޔަކު ހިތްހަމަނުޖެހުމުގެ ޝުޢޫރު ފާޅުކޮށް، ނުރުހުމުގެ ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބޭ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ނޫސްތައް ބުނާގޮތުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށްޓަކައި ވައިޓް ހައުސް ހިމެނޭ ސަރަޙައްދުގެ ސަލާމަތީކަންކަން ބަލަހައްޓާ ފުލުހުންނާއި ސިފައިން ދަނީ ބާރުގެ ބޭނުންވެސް ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުނަގޭސް ޖަހާފައިވާ ކަމަށްވެސް ނޫސްތަކުގައި ބުނެފައި ވެއެވެ.

މި މުޒާހަރާތައް ފެށިގެން އައީ، އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކަށް ފުލުހުން އަނިޔާކުރުމުން، އޭނާ މަރުވި މައްސަލަ ހޫނުވުމުންނެވެ.

ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ފުލުހަކު ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެއަމަލު ހިންގި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރަން ގޮވާލާފައެވެ.

ފުލުހުންގެ އިދާރާ އިން ވަނީ އެކަމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ފާއިތުވި ތިން ދުވަހު ކުރި ވަރުގަދަ މުޒާހަރަތަކާއި ގުޅިގެން، އަނިޔާ ކުރުމުގައި ބައިވެރިވި ބައެއް ފުލުހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.

އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލައެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން އެކަކު ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާކުރަން ނިންމިކަން އަދި އިއުލާނެއް ނުކުރެއެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މިނެޕޮލިސްގެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ބަޔަކު ވަނީ ފުލުހުންގެ ވެހިކަލްތަކަށް ވެސް ގެއްލުންދީފައެވެ. މިކަމާއި ގުޅިގެން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިންވެސް ވަނީ ނެރެފައެވެ. ކަރުނަ ގޭހުން މުޒާހަރާ ރޫޅާނުލެވުމުން، މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ވެސް ބޭނުން ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ގިނަ ބަޔަކު ވަނީ ފްލޮއިޑްގެ މަރު ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑޮލާން ޓްރަމްޕްސް.. މޮޑީ ޖީ

    ޢެމެރިކާ ނެތި ދާންދޭ... އާމީން

    12
  2. ދެވަންސޫރަ

    ރާއްޖެގަ ޓްރަމްޓް ހެދިގެން އުޅޭ ލާދީނީ ނަޝީދާއި ދެކޮޅަށް ވެސް ދިވެހިން ނިކުންނަންވެއްޖެ.

    16
    1
  3. ސަންދޯ

    ޑިމޮކްރެސީ އާއި މިނިވަންކަމުގެ ނަމުގައި މުޅި މެދުއިރުމަތި ފާނާކޮށް، އިސްލާމީ ގައުމުތަކުގެ ވެރިކަމުގެ ނިޒާމް ގަނޑުބަޑުކޮށް ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފައްދައި ގައުމުތަކުގެ އިޖްތިމާޢީ ފޭރާން ހަލާކު ކުރުމަށްފަހު އަބަދަކު އެމެރިކާއަށް ވެސް ހަމަޖެހުމެއް ނުލިބޭނެ ކަން ދަންނަން ޖެހޭނެ.

  4. އަހްމަދު

    މުސްލިމު ގައުމެއްގަ ޚާއްސަކޮށް ސައޫދީ ގާ ހިނގި ކަމެއް ނަމަ ޔަހޫދީ މީޑިއާގެ ފަލަ ސުރުޚީ ގަ އޮންނާނެ

    14
  5. ވިސްނާ

    ތިވާނީ ޗައިނާގެ ރޭވުމަކަށް.....

    1
    4
  6. މުހޮނދު

    މާޝާﷲ

  7. އަހަރެން

    الحمدلله