ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައިވާ ސްރީލަންކާގެ ފަތުރުވެރިކަން އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ހުޅުވާލުމަށް އެގައުމުން ތައްޔާރު ވެއްޖެއެވެ
މީގެ ކުރިން ޖޫން މަހުގެ މެދުތެރޭގައި އެގައުމުގެ ފަތުރުވެރިކަން ހުޅުވާލެވޭނެ ކަމަށް ދެކެވޭ ވާހަކަ ދޮގު ކުރަމުން ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯގެ ޗެއާ ޕާސަން ކިމަލި ފަނަންޑޯ ބުނީ، އޮގަސްޓް އެއްވަނަ ދުވަހު ފަތުރުވެރިކަން އަލުން ފަށާއިރު، ފުރަތަމަ ދައުވަތު ދިނުމަށް ނިންމާފައިވަނީ ކުދި ކުދި ޓުއާ ގައިޑުންނަށް ކަމަށެވެ. އަދި މިފަދަ ޓުއާ ގައިޑުންނަށްވެސް ހުއްދަ ދެވޭނީ ހަރުކަށި ސިއްހީ އުސޫލުތަކަކާއި އެއްގޮތަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިގޮތުގެ މަތިން ދުނިޔޭގެ ހުރިހާ ހިސާބުތަކުން އަންނަ ގްރޫޕުތަކަށް ތިބެވޭނީ ވަކި ހާއްސަ ހުއްދަތަކެއް ދެވިފައިވާ 5 ތަރީގެ ހޮޓެލްތަކުގައި ކަމަށް އެގައުމުން ވަނީ ނިންމާފައެވެ.
ފަތުރުވެރިކަން އަލުން ހުޅުވާލާއިރު އަންނަ ކުދި ގްރޫޕުތަކުގެ ފަތުރުވެރިންނަށް ޒިޔާރާތް ކުރެވޭނެ ވަކި ހާއްސަ ތަންތަން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޒިޔާރަތް ކުރެވޭނީ ޔަލާ އިންޓަނޭޝަނަލް ޕާކް، އުޑަވަލަވޭ، އަރުގަމް ބޭ، ޓްރިންކޮމަލީ އަދި ބައެއް ހިސާބުތަކުގެ މޫދުތަކަށެވެ.
ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކުގެ ފަތުރުވެރިކަމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިކަމުން އަރައިގަތުމަށް ގައުމުތަކުން އަންނަނީ ރައްކާތެރި އުސޫލުގެ ދަށުން ފަތުރުވެރިކަން ފެށުމަށް ތައްޔާރު ވަމުންނެވެ.