ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު ބައިލައްކައށްވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންގްލޭންޑާއި ވޭލްސްގެ ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުންނާއި، ސްކޮޓްލޭންޑްގެ ޤައުމީ ރެކޯޑްތަކުން އަދި އުތުރު އަޔަލޭންޑުގެ ސްޓެޓިސްޓިކްސް އެންޑް ރީސާޗް އޭޖެންސީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 50,413 އަށް އަރައެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ކޮވިޑް-19 ޑޭޝްބޯޑް ގައި އާންމުކޮށްފައިވާ އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ހެލްތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގޮތުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދަކީ 41,662 އެވެ.

އިނގިރޭސި ޑިޕާޓްމެންޓް އޮފް ހެލްތުންނާއި ޤައުމުތަކުގެ ވަކިވަކި އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތައް ދިމާނުވަނީ، އިދާރާތަކުން ކޮވިޑް-19 އާއި ގުޅިގެން މަރުވާ މީހުން ކަނޑައެޅުމުގައި ތަފާތު އުސޫލުތައް ގެންގުޅޭތީއެވެ.

މިގޮތުން އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ހެލްތުން މި ބަލީގައި މަރުވާ މީހުންގެ ގޮތުގައި ކަނޑައަޅަނީ ކުރިން ބައްޔަށް ފައްސިވެ ފަރުވާދެމުން ދަނިކޮށް މަރުވާ މީހުން އެކަންޏެވެ. ނަމަވެސް އެހެން ބައެއް އިދާރާތަކުން މި އަދަދުގެ ތެރޭގައި، ބައްޔަށް ފަރުވާނުދެވި މަރުވާފަހުން ޕޯސްޓްމޯޓަމް އިން ބަލި ހުރިކަން ދައްކާ މީހުން ވެސް ހިމަނައެވެ.

ކަންމިހެން އޮތްއިރު ދުނިޔޭގެ ގިނަ އިދާރާތަކުން، ރަސްމީ އަދަދުތައް ބަލަނީ އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް އޮފް ހެލްތުން ނެރޭ ތަފާސްހިސާބުތަކަށެވެ.

އިނގިރޭސިވިލާތަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ޤައުމެވެ. މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައިވެސް އެޤައުމު އޮތެވެ. އިނގިރޭސިވިލާތް މި ބަލީގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް ވެފައި ވަނީ، ބްރެޒިލް އިން މަރުވި މީހުންގެ އަދަދު އިތުރު ހާހަކަށް މަތިވުމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް އިނގިރޭސިވިލާތުން ޖުމްލަ 294,375 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އެޤައުމަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާ ޤައުމެވެ. އެޤައުމުގައި މި ބަލި މުޅިން ކޮންޓްރޯލް ކުރެވިފައި ނުވީނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ މަދުވަމުންނެވެ.