ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެމެރިކާގެ ފްލޮރިޑާގެ އިދާރާތައް ގޮތް ހުސްވެ، ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައިފިއެވެ. އެ ސްޓޭޓުގެ އިދާރާތަކުން މިގޮތަށް ގޮވާލާފައި މިވަނީ ފްލޮރިޑާގައި ބަލި ކޮންޓްރޯލް ވުމެއްނެތި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފްލޮރިޑާގައި އެކުލަވާލާފައިވާ ރެސްޕޮންސް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދާރާތަކުން ބުނެފައި ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ނަމަވެސް މިހާތަނަށް އެ މަސައްކަތަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

ފްލޮރިޑާއަކީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ އެންގުމަށް، ކޮވިޑްގެ ނުރައްކަލާއި އެކުވެސް އެންމެ ފުރަތަމަ ފުރަބަންދު އުވާލައި އާންމު ހާލަތު އިއުލާނުކުރި އެއް ސްޓޭޓެވެ. އެއާއެކު އެ ސްޓޭޓުގައި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލޮރިޑާގެ ޑިވިޝަން އޮފް އިމަޖެންސީ މެނޭޖްމެންޓުގެ ޑިރެކްޓަރ، ޖަރެޑް މޮސްކޮވިޓްޒް ބުނެފައި ވަނީ، އާންމު ރައްޔިތުން ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި ޒިންމާ ނުވެއްޖެ ނަމަ އިދާރާތަކާއި ސަރުކާރަށްވެސް އެކަމުގެ ޒިންމާ ނެގެން ނޯންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކޮށް މި ދަނޑިވަޅުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ކުއްލި ގޮތަކަށް ފްލޮރިޑާގައި ބަލި ފެތުރޭ މިންވަރު އިތުރުވެގެން ގޮސްފައިވާއިރު، އެ ސްޓޭޓުން މިހާރު ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ ލައްކައަކަށްވުރެ އިތުރުވެފައެވެ. އެ ސްޓޭޓުގައި ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އޮފިޝަލުން ބުނެފައި ވަނީ މި ހާލަތު މެދުވެރިވީ ގިނަ ބަޔަކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުމުން ކަމަށެވެ.

ފްލޮރިޑާއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ. އެދުވަހު އެކަނިވެސް އެ ސްޓޭޓުން 4671 މީހަކަށް އަލަށް މި ބަލި ޖެހިފައި ވާއިރު، ފާއިތުވެދިޔަ މަސްތަކާއި އަޅާބަލާއިރު ފްލޮރިޑާއިން ބަލި ޖެހުނު މީހުންގެ އަދަދު މި މަހު ދެގުނައަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ސްޓޭޓުގެ ޑިޕާޓްމެންޓް އޮފް ހެލްތުން ބުނެފައި ވެއެވެ.

ފްލޮރިޑާ އަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ އެމެރިކާއިން މިހާތަނަށް ހަތްވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ސްޓޭޓެވެ. ފާއިތުވެދިޔަ ދުވަސްތަކަށް ބަލާއިރު އެ ސްޓޭޓަކީ މިހާރު އެމެރިކާއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ސްޓޭޓް ވެސް މެއެވެ. އެމެރިކާއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ގެ ބަލީގައި މަރުވި ފްލޮރިޑާއިން މިހާތަނަށް ތިންހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފްލޮރިޑާ ހިމެނޭހެން މިހާތަނަށް އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2.4 މިލިއަނަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް އެޤައުމުން 123000 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު ބަލިން ރަނގަޅުވީ މިލިއަނެއްހައި މީހުންނެވެ. އެމެރިކާއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ނިއުޔޯކާއި ކެލެފޯނިއާ އަދި ނިއުޖާޒީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ފޭދޫ

    މައިމޫކައިރިއަށް ދަސްކުރަން އަންނަންވީނު!!