ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ވައިގައި ގޮތްނޭގޭ ރޭޑިއޭޝަނެއް ފެތުރެމުންދާ ކަމަށް ނެދަލޭންޑްސްގެ ރީސާޗް އިންސްޓިޓިއުޓަކުން ބުނެފިއެވެ.

އެޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕަބްލިކް ހެލްތް އެންޑް ދަ އެންވާރަމެންޓް އިން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރޭޑިއޭޝަންގެ އަސަރު ކުރަމުން ދަނީ ޔޫރަޕްގެ އުތުރުގެ ޤައުމުތަކަށް ކަމަށާއި، މި ރޭޑިއޭޝަން ފެތުރެމުން ދަނީ ރަޝިޔާއާއި ދިމާލުން ކަމަށެވެ.

ބައެއް ޤައުމުތަކުގައި ވައިގެ ތެރޭގައި ރޭޑިއޭޝަންގެ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ މި ދަނޑިވަޅުގައި، މިއީ ސީދާ ކޮން ޤައުމަކުން ފެތުރޭ ރޭޑިއޭޝަނެއް ކަމެއް އެ އިންސްޓިޓިއުޓުން ހާމައެއް ނުކުރެއެވެ. ނަމަވެސް މިއީ ނިއުކްލިއާ ހަކަތަ އުފައްދާ ކާރުޚާނާއަކުން ބޭރުވާފަދަ ރޭޑިއޭޝަނެއް ކަމަށް ވަނީ ބެލެވިފައެވެ.

މިވަގުތު މި ރޭޑިއޭޝަން ފެތުރިފައިވާ ޤައުމުތަކަށް، ރޭޑިއޭޝަންގެ އަސަރުކޮށްފައި ވަނީ އިންސާނުންނަށް ނުރައްކާވާ މިންވަރަކަށް ނޫން ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ހިނގަމުންދާގޮތް ބަލައި ހޯދުމަށް އެފަރާތްތަކުން ވަނީ މަސައްކަތް ފަށާފައެވެ.

ރަޝިޔާ އާއި ދިމާލުން ޔޫރަޕްގެ ޤައުމުތަކަށް ރޭޑިއޭޝަން ފެތުރެމުންދާ ދިއުމާއި ގުޅިގެން، ރަޝިޔާގެ އިދާރާތަކުން ބުނެފައި ވަނީ އެޤައުމުގެ އުތުރުގައި ހިންގާ ދެ ޕަވާޕަލްންޓަށް އެއްވެސް މައްސަލައެއް ދިމާވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި، އަދި އެ ދެ ޕްލާންޓުން ރޭޑިއޭޝަން ލީކުވަމުން ނުދާ ކަމަށެވެ.

މި ރޭޑިއޭޝަންގެ އަސަރު ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ނެދަލޭންޑްސްގެ އިތުރުން ފިންލޭންޑާއި ސްވިޑެން އާއި އޮސްޓްރިއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާދަދެރަޔޭ

    އިންސާނުންގެ އަތުންނޭ ދުނިޔެ ހަލާކު ކޮށްލާނީ މީ ކުރީގެ މުސްކުޅިން ބުނެއުޅޭ ވާހަކައެއް.

    27
  2. އިންސާނެއް

    .އަދި ގޮތް ނޭނގޭ އެތަކެއް ކައްތައްްތަކަކާއި ކުރިމަތި ލާން ޖެހޭނެ، މިއީ ފަހު ޒަމާން.