ލުބުނާންގެ ވެރިރަށް ބެއިރޫތުގައި އަންގާރަ ދުވަހު ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާއާ އެކު، އެ ގައުމުގެ އެތައް ބަޔަކަށް ވަނީ ހިތްދަތިކަމާއި ނާމާންކަމާއި ކުރިމަތިލާން ޖެހިފައަވެެ. އާބާދީގެ ގޮތުން ބައިބޯ ހިސާބެއްގައި ހިނގި އެ ހާދިސާގެ އަސަރު ކުރި މީހުންގެ ދިރިއުޅުން މިިނެޓެއްގެ ތެރޭގައި ވިއްސި ވިހާލިވެގެން ދިޔަ އިރު، ލޯ ކުރިމަތިން ލޯބިވާ މީހުން މަރުވި މަންޒަރު ބަލަން ޖެހުނީ ކަރުނަ އަޅައި ރޮމުންނެވެ.

އާދަޔާ ހިލާފު އެ ބޮޑު ގޮވުމާ ގުޅިގެން މަރާއ ހަނގުރާމަ ކުރަމުންދާ މީހުން އެހާމެ ގިނައެވެ. އެގޮތުން ޖޯޖް އަޖޯރީ އާއި އޭނާގެ އަނބިމީހާ އަކީ މި ހާދިސާގައި އެންމެ ބޮޑު ހިތްދަތިކަމެއް އިހުސާސްކުރަން ޖެހުނު އެއް އާއިލާއެވެ. އެ ދެމަފިރިންގެ ދެލޮލުގެ ނޫރުފަދަ އަލަތު ދަރިފުޅު އައިސީޔޫގައި މަރާ ހަނގުރާމަކުރާ އިރު އެ ދެމަފިރިންނަށް ކުރާނެ އަސަރު ތަސައްވުރުވެސް ކޮށް ނުލެވޭނެކަން ޔަގީނެވެ.

" އެންމެ 4 ދުވަސް އެ މަންޖެއަށް. ކިހާ ހިތްދަތި ވާނެ. އެ މަންޖެ މަރާ ހަނގުރާމަ އެ ކުރަނީ. އަހަރެން ހުރީ ގޮވުން ގޮވި އިރު އޭނާ އަށް ގާތުން ދޭން. އަހަރެން މަސައްކަތް ކުރިން އޭނާ ރައްކާތެރިކުރަން. ވަރަށް މަސައްކަތް ކުރިން" ކުއްޖާގެ މަންމަ ބުންޏެވެ.

އަޖޯރީގެ ދެމަފިރިންނަށް ވެސް މި ހާދިސާގައި ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

އެގޮތުން ނެލީ އަޖޯރީގެ ނޭފަތް ބިންދައިގެން ގޮސް އަތުގެ އެތަން މިތަން ފަހަން ޖެހުނެވެ. އަދި ނިތް ކުރިއަށް ބިއްލޫރިކޮޅުތަކެއް ހެރުމުގެ ސަބަބުން ވެސް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

އަގޯރީގެ ދެމަފިރިންގެ އަލަތު ދަރިފުޅު ސޮފީ އައިސީޔޫގައި އޮތް އިރު އެ ކުއްޖާގެ ބޮލުގައި ވަށައިގެން ވަނީ ބޮޑު ބެންޑޭޖެއް އޮޅައިފައެވެ. އަދި އިންކިއުބޭޓަރެއް ގުޅައިގެން މޮނީޓަކޮށް އޭނާގެ ހާލު ރަނގަޅުކުރުމަށް ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑޮކްޓަރުން ވަނީ އެ ހާދިސާގައި ސޮފީގެ ބޮލަށް ލިބުނު ޕްރެޝަގެ ސަބަބުން ސިކުނޑި ދުޅަވެ ސިކުނޑިއަށް ލޭ އެޅުމުން ދުރުކުރުމަށް ސަޖަރީއެއް ކުރަން ޖެހިދާނެކަން ހާމަކޮށްފައެވެ.

ސޮފީގެ މައިންބަފައިން ތިބީ އައިސީޔޫގެ ބޭރުގައި ކެތްތެރިކަމެއް ނެތި އިންތިޒާރުގައެވެ. އަލުން އެ ދަރިފުޅު އުރާލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.