ލުބުނާންގެ ސިޔާސީ ލީޑަރުން ތަކުރާރުކޮށް ކުރަމުން ގެންދާ ނޭއްގާނީ އަމަލުތަކުގެ ސަބަބުންނާއި، އެއަމަލުތަކުގެ ސަބަބުން ލިބެމުންދާ އަގުނުކުރެވޭނެ ގެއްލުންތަކުގެ ސަބަބުން ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ވެރިރަށް ބެއިރޫތުގެ ރައްޔިތުން ބުނަން ފަށައިފިއެވެ.

ލުބުނާންގެ ސަރުކާރާއި ދެކޮޅަށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. ކޮވިޑް-19 ހަލުވިކަމާއި އެކު މުޒާހަރާތަކަށް އޮތީ ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައިސްފައެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ބެއިރޫތުގެ ބަނދަރުގައި ބާރުގަދަ އެއްޗެއް ގޮވައި، މުޅި ބެއިރޫތުގައި ގުޑައިގެން ގޮސް އެތައް ބަޔަކު މަރުވެ، އެތައް އިމާރާތަކަށް ގެއްލުން ވުމުން އާއްމުން ވަނީ އަނެއްކާވެސް މުޒާހަރާ އަށް ނިކުމެފައެވެ.

މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ލުބުނާންގެ ފޮރިން މިނިސްޓްރީގެ އިމާރާތައް ވަދެ އެތަން ހިފައި ވެސް ފައެވެ. އެނާޖީ މިނިސްޓްރީ އާއި އިކޮނަމިކް މިނިސްޓްރީ އާއި އެންވާރް މިނިސްޓްރީ ވެސް މިއަދު ވަނީ ހިފާފައެވެ. އަދި ސަރުކާރުގެ އެހެން ބައެއް އިދާރާތަކަށް ވެސް ވަދެގެންފައި ވެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތައް ވަންނަން ވެސް މުޒާހަރާގައި ބައިވެރިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ޤާނޫނު ހަދަ މަޖިލިސް ކުރާގެ ކައިރިން މީހުން ފަހަތައް ޖައްސާފައެވެ.

މުޒާހަރާގައި ބައިވެރިވަމުން 18 އަހަރުގެ ޒުވާނަކު ބުނީ ދަރަންޏާއި ފަގީރު ކަމުގައި ބެއިރޫތުގެ ރައްޔިތުން ޣަރަގު ވަމުންދާ ކަމަށެވެ. "އަހަރެމެންގެ އަތުގައި އެއްވެސް އެއްޗެއް ނެތް. އަހަރެމެންގެ ފައިސާ އަކީ އެއްވެސް އަގެއް ހުރި އެއްޗެއް ކަމަކަށް މިއަދު ނުވޭ. ފައިސާގެ އަގު ވެއްޓިއްޖެ." އޭނާ ބުންޏެވެ.

އިތުރު ޒުވާނަކު ބުނީ ސަރުކާރުން ވަނީ ލުބުނާން ރައްޔިތުންގެ ޒުވާންކަން ފޭރިގެންފައި ކަމަށެވެ. "ޒުވާނުން ކުރާނެ މަސައްކަތެއް ނެތް. ވަޒީފާއެއް ނުލިބޭ. ކޮރަޕްޝަން ވަނި އިންތިހާއަށް މައްޗަށް ގޮސްފައި. ސަރުކާރު ވަނީ ފެއިލްވެފައި." އޭނާ ބުންޏެވެ.

ބެއިރޫތުގެ މަގުތަކަށް އާއްމުން ނިކުތުމުން ސަރުކާރުން މިހާރު ވަނީ އާއްމު އިންތިޚާބު އަވަސް ކުރާނެކަން އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު

    ކޮއިފުޅުމެންނޭ..! މިއަދު މިގައުމުގެ ހާލަކީވެސް ތިއީ. ދެޣައްދާރުންގެ އަތް ދަށުވެ މިގައުމުވެސް މިދަނީ ފަނާވަމުން. ނުވިތާކަށް ގައުމުގެ މިނިވަންކަމާ ސިޔާދަތުވެސް ގެއްލި ބޭރު ގައުމެއްގެ އަޅުވެތިކަމުގެ ދަށަށް ދާން ކައިރި ވެއްޖެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެ..! ?

  2. Anonymous

    ކޮވިޑާ ގުޅުވައި މިޤައުމުގައިވެސް އަދު ރައްޔިތުން ދުވަހެއް ދުވަހަކަށް ނިކަމެތިވެ ކެތްތެރިކަން ކޮޅުންލާ ހިސާބަށްދަނީ ޖީބުތައް ފުރޭ މީހުންގެ ޖީބުތައް ފަތުއަޑުކިޔާފަ ފުރެމުންދަނީ. ރައްޔިތުން ބަޔަކަށް ނުހަދާ ވެރިކަން ކުރުމަކީ ގޯހެއް.