އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލް ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް އިތުރަށް ވަރުގަދަކޮށް، އިއްޔެ ތެލްއަވީވްފައި ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. މުޒާހަރާގެ ބައިވެރިން އިއްޔެ ބުނަމުން ގެންދިޔައީ ނަތަންޔާހޫ ބޭނުން ވަނީ ރަސްކަލަކަށް ވާން ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ ނަތަންޔާހޫ އާއި ދެކޮޅަށް ބޭއްވި މުޒާހަރާ އަކީ 2011 ވަނަ އަހަރުގެ ފަހުން އިސްރާއީލްގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ.

ފަހަކަށް އައިސް ނަތަންޔާހޫ އާއި ދެކޮޅަށް ގިނަ ބަޔަކު ސިލްސިލާ މުޒާހަރާތައް ކުރަމުން ގެންދާ އެއް ސަބަބަކީ ވަޒީފާ ނެތް މީހުންގެ އަދަދު ވަރަށް ބޮޑަށް އިސްރާއީލްގައި އިތުރު ވެގެން ދިއުމެވެ. އަދި ގެދޮރާއި، ޚިދުމަތުގެ އަގުތައް ބޮޑުވެ، ލިބޭ މުސާރައިން ދެކޮޅު ޖައްސަން އުނދަގޫ ވުމެވެ.

ކޮވިޑް-19 އާއި ގުޅިގެން އިސްރާއީލް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ވެސް ރައްޔިތުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމުން ވެސް ސަރުކާރުގެ އެހީތެރިކަމެއް ނުލިބޭ ކަމަށް އާއްމުން ބުނެއެވެ.

އިއްޔެ މުޒާހަރާއަށް ނިކުތް މީހުން ވަނީ ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީޢަތް ކުރިއަށް ދާއިރު ނަތަންޔާހޫ އަށް ބޮޑުވަޒީރު ކަމުގައި ނުހުރެވޭނެ ކަމަށް ވެސް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ޝަރީޢަތް ނިމެންދެން ނަތަންޔާހޫ މަގާމުން އިސްތިއުފާ ދިނުމެވެ. އެހެން ނޫންނަމަ ޝަރީޢަތައް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

ނަތަންޔާހޫ އެންމެ ފަހުން ބޮޑުވަޒީރު ކަމުގެ އާދައުރެއް ފެށީ މިދިޔަ މެއި މަހުއެވެ. އެއީ އޭނާ ބޮޑުވަޒީރު ކަމާއި ހަވާލުވި ފަސްވަނަ ދައުރެވެ. އިސްރާއީލްގެ ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރި މީހަކީ ނަތަންޔާހޫ އެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ އަށް އަންނަނީ ސިޔާސީ ގޮތުން ގިނަ ގޮންޖަހުންތަކެއް ކުރިމަތިވަމުންނެވެ.