ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ޔޫއޭއީ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޔޫއޭއީ އިން އިއްޔެ އެކަނިވެސް އިތުރު 1158 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުގައި ބަލި ފެތުރެން ފެށި ފަހުންވެސް މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.
އިތުރު އެތައް ސަތޭކަ ބަޔަކު ފައްސިވުމާއެކު ޔޫއޭއީ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 95,348 އަށް އަރާފައެވެ. އެޤައުމަކީ މިހާރު ދުނިޔެއިން 40 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޔޫއޭއީގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު ދެ މީހަކު ހިމެނޭހެން އެޤައުމުން ޖުމްލަ 421 މީހަކު ވަނީ މަރުވެފައެވެ.
ޔޫއޭއީ އިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 84,903 މީހުންނެވެ.
ޔޫއޭއީގެ އިދާރާތަކުން ބުނެފައިވާ ގޮތުން އޮގަސްޓު މަހުގެ ތެރޭގައި އެޤައުމުން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ހިފެހެއްޓުނެވެ. މިގޮތުން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 200 އަށްވެސް ނާރައި ގިނަ ދުވަސްތަކެއްވާންދެން އޮތުމަށްފަހު މިހާރު ބަލި ފެތުރުން އިންތިހާއަށް އިތުރުވެފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިން ފަހުންނެވެ.
އިދާރާތަކުން ބުނެފައިވަނީ، ޔޫއޭއީއަށް ކުރިޔަށްވުރެ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި މިވަނީ، ލުއި ދިނުމުން އާންމުން ގައިދުރުކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ހާލަތު އިތުރަށް ގޯސްވާނަމަ އިތުރު ހަރުކަށި ފިޔަވަޅުތަކާއެކު އާ ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު އެފަރާތްތަކުން ވަނީ ދީފައެވެ.
9.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޔޫއޭއީ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހާއި އޮގަސްޓު މަހުގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި އޮތުމަށްފަހު މިމަހުގެ ކުރީކޮޅުން ފެށިގެން ނުރައްކާ އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ.