އަންނަ މަހު އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ދޭން ފަށަން އެގައުމުގެ ސަރުކާރުން ތައްޔާރުވެ، ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތުގެ ޕްލޭން ލީކް ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އިން ތައްޔާރު ކޮށްފައިވާ ޕްލޭން ބުނާ ގޮތުގައި އަންނަ މަހު އިނގިރޭސިވިލާތުގައި ވެކްސިން ދޭން ފަށާނީ މައިގަނޑު ފަސް ސަރަހައްދެއް ފާހަގަކޮށް އެސަރަހައްދު ތަކުންނެވެ. ކޮންމެ ދުވަހަކު އެތައް ހާސް އާއްމުންނަށް ވެކްސިން ދެވޭ ވަރަށް ތައްޔާރު ވެފައިވާ ކަމަށް ވެސް ލީކްވެފައިވާ ޕްލޭން ބުނެއެވެ.

ލީކް ވެފައިވާ ޕްލޭން ބުނާ ގޮތުން ވެކްސިން ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ޕެރަމެޑިކުންނެވެ. އޭގެ އިތުރުން ސިފައިން ވެސް ވެކްސިން ދިނުމުގައި އިސް ދައުރެއް އަދާކުރާނެއެވެ. މީގެ އިތުރުން ބޭސްފިހާރަތަކުގެ އެހީ ވެސް ވެކްސިން ދިނުމުގައި ސަރުކާރުން ހޯދާނެ ކަމަށް ޕްލޭންގައި ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ދޭން ފަށާނެ ކަމަށް ބެލެވެނީ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާ ވެކްސިނެވެ. އޭޕްރީލް މަހުން ފެށިގެން އެވެކްސިންގެ ތަހްލީލްތައް ދަނީ ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު އެވެކްސިން އޮތީ ތަހްލީލްގެ އެންމެ ފަހުގެ މަރުހަލާގައެވެ.

އަންނަ މަހު އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް މިކަން އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ކަށަވަރު ކޮށެއް ނުދެއެވެ. އަދި މިހާތަނަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް އަދި ޔޫރަޕިއަން މެޑިކަލް އެޖެންސީން ވެސް އެއްވެސް ކޮވިޑް-19 ވެކްސިނެއް އާއްމުންނަށް ދިނުމުގެ ހުއްދައެއް ނުދެއެވެ.

އޮކްސްފޯޑްގެ ވެކްސިން އާއްމުކޮށް ދެވޭނެ ތާރީޚެއް އަދި އިއުލާން ކޮށްފައި ނުވިނަމަވެސް މީގެ ކުރިން ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައި ވަނީ ކްރިސްމަސް ބަންދުގެ ކުރިން އޮކްސްފޯޑްގެ ވެކްސިން އާއްމުކޮށް ދޭން ފެށޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. ކްރިސްމަސް ބަންދު އަންނާނީ ޑިސެމްބަރ މަހުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😊

    އަލްހަމްދުލިﷲ