ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ސައުދީގައި ހުންނަ މުސްލިމުންގެ މުޤައްދަސް ދެޙަރަމް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ހުޅުވާލުމަށްފަހު، ދެވަނަ ފޭސްގެ ދަށުން އިތުރު ލުއިތަކެއް ދީފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އުމްރާގެ އަޅުކަން ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު ތިން ފޭސް އަކަށް ބަހާލައިގެން އަލުން ފަށާފައި ވަނީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި ފޭސްގެ ދަށުން ފުރުސަތު ދީފައި ވަނީ އުމްރާވުމަށް ޖާގަލިބޭ ޖުމްލަ މިންވަރުން 30 އިންސައްތަ މީހުންނަށެވެ. މިއީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު 6000 މީހުންގެ ޖާގައެވެ.

އުމްރާގެ އަޅުކަމަށް ދެވަނަ ފޭސްގެ ދަށުން އާދީއްތަ ދުވަހު ހުޅުވާލާފައި ވާއިރު، ޖާގައިގެ 75 އިންސައްތަ ދޫކުރާނެ ކަމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު 15,000 މީހުންގެ ޖާގައެވެ. ނަމަވެސް ފުރަތަމަ ފޭސްއާއި އެއްގޮތަށް މިފޭސްގައި ވެސް ފުރުސަތު ލިބޭނީ ސައުދީގައި އުޅޭ މީހުންނަށް އެކަންޏެވެ.

އުމްރާވުމަށް ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށޭ ފޭސް ތިނެއްގެ ދަށުންނެވެ. ނަމަވެސް މިގޮތުންހުޅުވާލެވޭ އިރުވެސް އުމްރާވާން ދެވޭ މީހުންގެ އަދަދު ވަނީ ލިމިޓްކޮށްފައެވެ. މިގޮތުން ކޮންމެ ދުވަހަކަށް ދޫކުރާނީ 75,000 މީހުންގެ ޖާގައެވެ.

އުމްރާގެ އަޅުކަން މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، އަލުން ފުރުސަތު ހުޅުވާލިއިރު ކޮވިޑް-19 އާއި ގުޅިގެން އަޅުކަން އަދާކުރާ މީހުން އަމަލުކުރަން ޖެހޭ ހަރުކަށި މިންގަނޑުތަކެއް ސައުދީގެ އިދާރާތަކުން ވަނީ އެކުލަވާލާފައެވެ.

އުމްރާގެ އަޅުކަމަށް އަލުން ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި، މީގެ ކުރިޔާ އަޅާބަލާއިރު ސައުދީގައި ކޮވިޑް-19 ފެތުރޭ މިންވަރު މަދުވެފައި ވަނިކޮށެވެ. އެޤައުމަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ މިދިޔަ ޖޫން މަހާއި ޖުމައި މަހާއި ދެމެދުއެވެ.

މިހާތަނަށް ސައުދީން ޖުމްލަ 342,202 މީހަކަށް ކޮވިޑް-19 ޖެހި އޭގެތެރެއިން 5,185 މީހަކު މަރުވެފައި ވެއެވެ. މިހާތަނަށް އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 328,538 މީހަކު ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.