ކުވެއިތުގެ ވިޔަފާރިކުރާ ގިނަ އަދަދެއްގެ ފިހާރަތަކުން ފްރާންސުގެ އުފެއްދުންތައް ވިއްކުން ހުއްޓާލައިފިއެވެ.

އެޤައުމުގެ ވިޔަފާރިވެރިން ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓްކޮށްފައި ވަނީ، ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތައް ފްރާންސުގައި އާންމުކޮށް، އެޤައުމުގެ އިމާރާތްތަކުގައި އަޅުވަމުންދާތީއެވެ.

ކުވެއިތުން ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކޮށްފައި ވަނީ އެޤައުމުގެ ޔޫނިއަން އޮފް ކޮންޒިއުމާ ކޯޕަރޭޓިވް ސޮސައިޓީން، ނެރުނު ސާކިއުލާއަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެ ސާކިއުލާ ނެރުނު ޖަމިއްޔާގެ މެމްބަރުކަންކުރާ 70 އަށްވުރެ ގިނަ ވިޔަފާރިން ފްރާންސްގެ އުފެއްދުންތައް ވިއްކުން މިހާރު ވަނީ ހުއްޓާލާފައެވެ.

ކުވެއިތުގެ ޔޫނިއަން އޮފް ކޮންޒިއުމާ ކޯޕަރޭޓިވް ސޮސައިޓީން ބުނެފައިވަނީ، މިގޮތަށް ނިންމީ ފްރާންސުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރަމުންދާ ކަންކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުންވެސް އެއްބާރުލުން ދެމުންދާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ. އެ ޖަމިއްޔާއިން ވަނީ ކުވެއިތުގައި ފްރާންސްގެ އުފެއްދުންތައް ވިއްކާ އެހެން ފިހާރަތަކުންވެސް އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

ހަމަ އެހެންމެ ފްރާންސުން ކުވެއިތުގައި ހިންގާ ކޯސްތަކާއި، ޚިދުމަތްތައްވެސް ބޮއިކޮޓް ކުރުމަށް ކުވެއިތުގެ ޔޫނިއަން އޮފް ކޮންޒިއުމާ ކޯޕަރޭޓިވް ސޮސައިޓީން ވަނީ ގޮވާލާފައެވެ.

ފްރާންސުގައި ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތައް އާންމުކޮށް އިމާރާތްތަކުގައި އަޅުވައި މުސްލިމުންގެ މެދުގައި ރުޅިވެރިކަން އުފައްދަމުން ދަނީ، ދާދިފަހުން އެޤައުމުގެ ސްކޫލެއްގައި ދަރިވަރުންނަށް އެފަދަ ކާޓޫނުތައް ދައްކައި އިސްލާމް ދީނަށް ފުރައްސާރަކުރި ޓީޗަރެއްގެ ކަރުބުރިކޮށް މަރާލާފައި ވަނިކޮށެވެ.

އެ ހާދިސާ އާއި ގުޅިގެން މުސްލިމުންނާއި މެދު ފްރާންސުގެ އިދާރާތަކާއި އިސް ބައެއް ބޭފުޅުން ނުރުހުން ފާޅުކޮށްފައި ވާއިރު، މުސްލިމުންނަށް އެޤައުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ހަމަ އެހެންމެ ޓީޗަރު މަރާލި ހާދިސާ އަކީ "މުސްލިމް ޓެރެރިޒަމް"ގެ ޢަމަލެއް ކަމަށް އެޤައުމުގެ ރައީސް އެމަނުއެލް މެކްރޯން ވެސް ވަނީ ވިދާޅުވެފައެވެ.

ފްރާންސުގައި މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަކުރާތީ ކުވެއިތުގެ ގިނަ އަދަދެއްގެ ފިހާރަތަކުން ފްރާންސުގެ އުފެއްދުންތައް ވިއްކުން ހުއްޓާލާފައި ވާއިރު، ކުވެއިތުން މިދިޔަ އަހަރު އެކަނިވެސް 834 މިލިއަން ޑޮލަރުގެ ތަކެތި ފްރާންސުން ވިޔަފާރީގެ ބޭނުމަށް އެތެރެކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނި

    އިސްލާމްދީނަށް ދެކޮޅަށް ކުރާކަންތަކާ ދެކޮޅުހެދުމުގެގޮތުން ރާޖޭގާ ބޮއިކޮޓްކުރާކަށް ސަރުކާރަވެސް ވިޔަފާރި ވެރިން ނަވެސް ނުކެރޭނެ ނަމުންއިސްލާމްދީން އިސްލާމް ކުރިއަރުވާކަށް ވިޔަފާރިވެންވެސް ސަރުކާރުވެސް އެތްވެސް ކަމެތްނުކުރާނެ ؟؟

    14
    1
  2. ބައްޕަ

    ﷲ ތިޔަ ފުރާންސްގެ އަސްލާމީ އަދުއްވުން ކޮވިޑް-19 ގައި ހިއްޕަވާފާނދޭވެ.
    آمين

    12
    2
  3. ހުދުހުދު

    މިގައުމުގައި މި ތިބެނީ ކޮންކަހަލަ ވެރިންނެއް. ރަސޫލާ އަށް ފުރައްސާރަ ކުރާ ބައެއްގެ މުދާ އަހަރުމެން ވެސް ޖެހޭނެ ބޮއިކޮޓް ކުރަން.

    14
    1