ކުރިއަށް އޮތް ހަތަރު އަހަރަށް އެމެރިކާގެ ވެރިކަމުގައި ހުންނާނެ ރައީސަކު ކަނޑައަޅަން އެގައުމުގައި މިއަދު ވޯޓް ލާން ފަށައިފިއެވެ. މިއަދު ރަސްމީކޮށް އެމެރިކާގައި ވޯޓްލާން ފެށި ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޕޯސްޓް މެދުވެރިކޮށް ވޯޓް ލާން ވަނީ ފަށާފައެވެ. މިއަހަރު ޕޯސްޓް މެދުވެރިކޮށް 85 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓް ލާފައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓް ލުން މިއަދު ފެށިއިރު ޚިޔާލު ހޯދުމުގެ ވޯޓްތަކަށް ބަލާއިރު ކުރީގައި އުޅުއްވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އެވެ. ނަމަވެސް ވާދަވެރި ސްޓޭޓްތަކުގައި ވަރަށް ކައިރިން ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވާދަކުރައްވަމުން ގެންދަވާތީ ޓްރަމްޕް ވެސް އިންތިޚާބު ކާމިޔާބު ކުރުން ގާތް ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

މިއީ އެމެރިކާގެ ތާރީޚްގައި ވެސް ބާއްވާ އެންމެ މައްސަލަ ބޮޑު އިންތިޚާބަށް ވެގެން ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ. ކެމްޕޭން ނިންމާލުމުގެ ގޮތުން ޕެންސިލްވޭނިއާގައި ވާހަކަދައްކަމުން ވެސް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން އޭނާ ދެކޮޅު ހަދަން ޖެހިދާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.

ޓްރަމްޕް ބުނާ ގޮތުގައި ޕޯސްޓް މެދުވެރިކޮށް ވޯޓް ލާފައިވާ މީހުންގެ ވޯޓްތައް ތިން ދުވަސް ފަހުން ގުނަން ފަށަން ހަމަޖެހިފައި އޮތްއިރު ޕޯސްޓުން ވޯޓް ލާފައިވާ މީހުންގެ ވޯޓް ކަރުދާސްތައް ބަދަލުކޮށްފާނެއެވެ. ނަމަވެސް ވޯޓް ކަރުދާސްތައް ބަދަލު ކުރާނީ ކިހިނެއް ކަމެއް ޓްރަމްޕް ނުބުނެއެވެ. ޓްރަމްޕް ވެސް މިއިންތިޚާބުގައި ވޯޓް ލާފައި ވަނީ ޕޯސްޓް މެދުވެރިކޮށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ މާދަމާ ލިބެން ފަށާނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް ސްޓޭޓްތަކުގެ ނަތީޖާ ލިބޭ ގޮތައް ބަލާފައި ރައީސް ކަމަށް ހޮވޭނެ ކެންޑިޑޭޓެއް ފަހަރެއްގައި މާދަމާ ރޭ ވެސް ކަށަވަރު ވެދާނެއެވެ. ނަމަވެސް އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެއްޖެނަމަ އަދި ޕޯސްޓުން ލިބޭ ވޯޓްތައް ގުނަން އިތުރު ވަގުތުތަކެއް ހޭދަކުރަން ޖެހިއްޖެނަމަ ނަތީޖާ ކަށަވަރު ކުރަން ދުވަސްތަކެއް ނަގާފާނެއެވެ.

އަދި ކޯޓުން މައްސަލަ ހައްލު ކުރަން ޖެހޭ ހިސާބަށް ހިނގައްޖެނަމަ ނަތީޖާ ކަށަވަރުވާން މަހެއްހާ ދުވަސްވެސް ނަގާފާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެންމެ ބޮޑު ބަހުސަކަށް ވެފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ވަޒީފާ ނެތް މީހުންގެ މައްސަލަ ހައްލު ކުރުމާއި ސިއްހީ ނިޒާމާއި އަދި ތިމާވެށީގެ މައްސަލަތަކެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން އިތުރު ފުރަބަންދަކަށް ދާން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން އަންނަނީ އިތުރަށް ގައުމު ފުރަބަންދުކޮށް އިޤުތިޞާދީ މައްސަލަތަކެއްގެ ތެރެއަށް ގައުމު ވައްޓައިނުލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަންތޫރު

    ޓްރަމްޕު ހޮވިއްޖިއްޔާ ކަންތަކާޖެހުނީ...ތީނަހޮވިއްޖިއްޔާ އިޒްރޭލާއި ރަޝިއާ އުފަލުން ފޮޅޭނެ... ޓްރަމްޕު ރިއިލެކްޓް ވެއްޖިއްޔާ އީރާނުން 90ޕ ޔުރޭނިއަމް ފައްކާކުރަންފައްޓަފާނެކަމަށްބެލެވޭ...ވޯލްޑް ވަރ 3
    ފެޝުނީ

  2. ސައިފް

    ބަލަމާ ވާގޮތެއް؟؟؟ ނަތީޖާގެ އިންތިޒާރުގައި ނިދިނަގާފަ ޔަހޫދީން އެ ތިބީ ވާގޮތެއްބަލަން؟؟
    އިޒްރޭލުގެ ބައްޕަ ޓްރަމްޕު އަކީ..

    4
    1