އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދާއިރު، އަބަދުވެސް އެންމެ ފުރަތަމަ އިންތިހާބުގެ ނަތީޖާ އިއުލާން ކުރެވޭ އާބާދީ ކުޑަ ޑިކްސްވިލް ނޮޗްގެ ވޯޓުގެ ނަތީޖާ އިއުލާން ކޮށްފިއެވެ.

އެންމެ ފުރަތަމަ އިއުލާން ކުރި މި މަރުކަޒުގައި ވޯޓު ލީ ފަސް މީހުން ވެސް ވޯޓުލާފައި ވަނީ އިދިކޮޅި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއެވެ. ވެރިކަން ކުރާ ރެޕަބްލިކަންގެ ކެންޑިޑޭޓް، ރައީސް ޑޮނަލްޑް ޓްރަމްޕްއަށް މި މަރުކަޒުން ވޯޓެއް ނުލިބެއެވެ.

މި އަހަރު އިންތިހާބުގައި ވާދަކުރަނީ ވާދަވެރި ދެ ޕާޓީގެ ކެންޑިޑޭޓުން އެކަންޏެވެ.

ދެހާސްސޯޅަވަނަ އަހަރު ވެސް އެންމެ ފުރަތަމަ އިއުލާން ކުރެވުނު އެއް މަރުކަޒެއްގެ ގޮތުގައި އޮތް އެ މަރުކަޒުގައި އެ އަހަރު ވޯޓު ލީ ހަތް މީހުންނެވެ. އެ ފަހަރު ވެސް މި މަރުކަޒުގެ އެންމެ ގިނަ ވޯޓު ހޯދީ ޑިމޮކްރެޓްސްގެ އޭރުގެ ކެންޑިޑޭޓް ހިލެރީ ކްލިންޓަންއެވެ. ކްލިންޓަން އަށް އެ ފަހަރު ހަތަރު ވޯޓު ލިބުނުއިރު، ޓްރަމްޕްއަށް އެ ފަހަރު ދެ ވޯޓު ލިބުނެވެ.

މިއަދު ރަސްމީކޮށް އެމެރިކާގައި ވޯޓް ލާން ފެށި ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޕޯސްޓް މެދުވެރިކޮށް ވޯޓް ލާން ވަނީ ފަށާފައެވެ. މިއަހަރު ޕޯސްޓް މެދުވެރިކޮށް 85 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އުސޫލު އޮންނަ ގޮތުން އިންތިހާބު ކާމިޔާބުކުރާނީ ވާދަވެރި ސްޓޭޓްތަކުގެ އެލެކްޓޯރަލް ވޯޓުންނެވެ. ކޮންމެ ސްޓޭޓަކަށް އެލެކްޓޯރަލް ވޯޓެއް ކަނޑައަޅާފައި އޮންނައިރު ސްޓޭޓެއްގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ސްޓޭޓްގެ ހުރިހާ އެލެކްޓޯރަލް ވޯޓެއް ލިބޭނެއެވެ. އިންތިހާބު ކާމިޔާބު ކުރަން މަދުވެގެން 270 އެލެކްޓޯރަލް ވޯޓު ބޭނުންވާނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެންމެ ބޮޑު ބަހުސަކަށް ވެފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ވަޒީފާ ނެތް މީހުންގެ މައްސަލަ ހައްލު ކުރުމާއި ސިއްހީ ނިޒާމާއި އަދި ތިމާވެށީގެ މައްސަލަތަކެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިތުރު ފުރަބަންދަކަށް ދާން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން އަންނަނީ އިތުރަށް ގައުމު ފުރަބަންދުކޮށް އިޤުތިޞާދީ މައްސަލަތަކެއްގެ ތެރެއަށް ގައުމު ވައްޓައިނުލާނެ ކަމަށެވެ.