މިހާރު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި މެއިލް މެދުވެރިކޮށް ވެސް ވޯޓުލަމުންދާއިރު އެމެރިކާގެ ހައްރިސް ކައުންޓީއަށް ލިބިދީފައިވާ މެއިލް ވޯޓުތަކުގެ މިންވަރު ކުޑަކޮށް 127،000 އެއްހާ ވޯޓު އުނި ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ވެރިކަން ކުރާ ރިޕަބްލިކަންގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިނުގަންނަން ޓެކްްސަސްގެ ކޯޓުން ވަނީ ނިންމައިފައެވެ. މިލިއަނަކަށް ވުރެ ގިނަ މީހުން އެ މަރުކަޒުން މެއިލް މެދުވެރިކޮށް ވޯޓުލާއިރު މިހާރު ވެސް ވޯޓު ލެވިފައިވާ 127،000 އެއްހާ ވޯޓު އުނި ނުކުރެވޭނެ ކަމަށް ކޯޓުން ނިންމައިފައި ވެއެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލާދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ނަތީޖާ ގަބޫލު ނުކޮށްދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ރޭ ވެސް ދީފައި ވެއެވެ. ޓްރަމްޕް ބުނިގޮތުގައި ޕޯސްޓް މެދުވެރިކޮށް ވޯޓް ލާފައިވާ މީހުންގެ ވޯޓްތައް ތިން ދުވަސް ފަހުން ގުނަން ފަށަން ހަމަޖެހިފައި އޮތްއިރު ޕޯސްޓުން ވޯޓް ލާފައިވާ މީހުންގެ ވޯޓް ކަރުދާސްތައް ބަދަލު ކޮށްފާނެއެވެ. ނަމަވެސް ވޯޓް ކަރުދާސްތައް ބަދަލު ކުރާނީ ކިހިނެއް ކަމެއް ޓްރަމްޕް ވިދާޅުވެއް ނުވެއެވެ. ޓްރަމްޕް ވެސް މި އިންތިހާބުގައި ވޯޓް ލާފައި ވަނީ ޕޯސްޓް މެދުވެރިކޮށެވެ.

މިއަދު ރަސްމީކޮށް އެމެރިކާގައި ވޯޓް ލާން ފެށި ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޕޯސްޓް މެދުވެރިކޮށް ވޯޓް ލާން ވަނީ ފަށާފައެވެ. މިއަހަރު ޕޯސްޓް މެދުވެރިކޮށް 85 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އުސޫލު އޮންނަ ގޮތުން އިންތިހާބު ކާމިޔާބުކުރާނީ ވާދަވެރި ސްޓޭޓްތަކުގެ އެލެކްޓޯރަލް ވޯޓުންނެވެ. ކޮންމެ ސްޓޭޓަކަށް އެލެކްޓޯރަލް ވޯޓެއް ކަނޑައަޅާފައި އޮންނައިރު ސްޓޭޓެއްގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ސްޓޭޓްގެ ހުރިހާ އެލެކްޓޯރަލް ވޯޓެއް ލިބޭނެއެވެ. އިންތިހާބު ކާމިޔާބު ކުރަން މަދުވެގެން 270 އެލެކްޓޯރަލް ވޯޓު ބޭނުން ވާނެއެވެ.