ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔެގެ އެކި ކަންކޮޅުތަކުން ފައްސިވީ މީހުންގެ އަދަދު 48 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 47 މިލިއަނުން 48 މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ތިން ވަރަކަށް ދުވަސް ތެރޭގައެވެ.

އިއްޔެވެސް ދުނިޔެއިން ބައި މިލިއަނަށްވުރެ ގިނަ މީހުން އަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 48,381,895 ގައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ހާލަތު އަންނަނީ ކުރިޔަށްވުރެ ގޯސްވަމުންނެވެ. އޭގެތެރޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ދެވަނަ ރާޅެއް އަރަމުންދާ ޔޫރަޕުގެ ގިނަ ޤައުމުތައް ހިމެނެއެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އާއި އަވައްޓެރި އިންޑިއާ އަދި ބްރެޒިލް އިންނެވެ. މިގޮތުން އެމެރިކާއިން މިހާތަނަށް 9.7 މީހަކަށް ބަލި ޖެހިފައި ވާއިރު، އިންޑިއާއިން 8.3 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ބްރެޒިލް އިން މިހާތަނަށް ޖުމްލަ 5.5 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މީގެ ތެރެއިން މިވަގުތު އެންމެ ނުރައްކާ ބޮޑުވެ، އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިންޑިއާ އާއި އެމެރިކާގައެވެ. މީގެ އިތުރުން ފްރާންސަކީވެސް މިވަގުތު ދުނިޔެއިން ނުރައްކާ ބޮޑުވެފައިވާ ޤައުމެކެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ވެސް އިތުރު އެތައް ހާސް ބަޔަކު ފައްސިވެފައި ވެއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނައިސް، ހާލަތު އިތުރަށް ގޯސްވަމުން އަންނައިރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު އެތައް ހާސް ބަޔަކު ހިމެނޭހެން، ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.2 މިލިއަނަށް އަރާފައެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު، މިހާތަނަށް 216 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައި ނުވާވަރުގެ މި ނުރައްކާތެރި ބަލިމަޑުކަމަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ބޭނުންކުރަން ފަށާފައެއް ނުވެއެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ ވެކްސިނެއް ތައްޔާރުކުރެވޭނީ މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު