ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 704 މީހަކު މަރުވެއްޖެ އެވެ. މިއީ މިދިޔަ އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވިކަމަށް ރެކޯޑްކުރެވުނު ފަހަރެވެ.

އިންޑިއާއިން އިއްޔެވެސް ކޮވިޑް-19 ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 124,354 އަށް އަރާފައެވެ. މީގެ ކުރިޔާއި އަޅާބަލާއިރު އިންޑިއާއިން އިއްޔެ މަރުވި މީހުންގެ އަދަދު މަދުވިނަމަވެސް އެޤައުމަށް ބަލިމަޑުކަމުގެ ނުރައްކާ ކުޑައެއް ނުވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 50,465 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8.3 މިލިއަނަށް އަރާފައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާއިރު މިވަގުތު ދުނިޔޭގައި އެންމެ ހާލު ގޯސްވެފާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި ނުރައްކާ ބޮޑުވެގެން ހިނގައިދާނެ ކަމަށް ސިއްޙީ މާހިރުން ލަފާކުރެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 7.7 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 528,428 މީހަކަށެވެ. އޭގެތެރެއިން 8900 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޤައުމެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވަނިކޮށް، އެޤައުމުން ފައްސިވާ މީހުންގެ އަދަދުތައް ކުރިޔާއި އަޅާބަލާއިރު ދަށްވާން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު