ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސުން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 60,486 މީހަކު ވަނީ ފައްސިވެފައެވެ. މިއީ އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ފްރާންސުން ރެކޯޑް އަދަދަކަށް މީހުން ފައްސިވުމާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,601,367 އަށް އަރާފައެވެ.

މީގެ ކުރިން ފްރާންސުން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ، ހުކުރު ދުވަހުއެވެ. އެދުވަހު އެކަނިވެސް އެޤައުމުން 58,046 މީހަކު ފައްސިވެފައި ވެއެވެ. އެހެންކަމުން މިއީ ޖެހިޖެހިގެން އެޤައުމުން ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އެރި ދެވަނަ ދުވަހުއެވެ.

ފްރާންސްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ، ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން މިދިޔަ 24 ގަޑިއިރުތެރޭގައި ވެސް އިތުރު 828 މީހަކު ހިމެނޭހެން ފްރާންސުން ކޮވިޑް ބަލީގައި ޖުމްލަ 39,865 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ދުނިޔޭގައި ފެތުރެން ފެށިއިރުވެސް ފްރާންސަށް މި ބަލީގެ ނުރައްކާ ބޮޑުވިއެވެ. މިގޮތުން ކުރިން އެޤައުމަށް ނުރައްކާ އެންމެ ބޮޑުވީ މާރިޗު މަހާއި އޭޕްރިލް މަހާއި ދެމެދުއެވެ. އޭގެފަހުން ބަލީގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީފަހުން ނުރައްކާ ބޮޑުވާން ފެށީ އޮގަސްޓު މަހުން ފެށިގެންނެވެ.

ފްރާންސްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެޤައުމަށް މިވަގުތު އެޤައުމަށް ވަނީ ބަލީގެ ކުރީކޮޅަށްވުރެ ނުރައްކާ ދެގުނައަށް ބޮޑުވެފައެވެ. ފްރާންސްގެ އިތުރުންވެސް ޔޫރަޕުގެ އެހެން ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އިދާރާތަކުން ބުނާގޮތުން ޔޫރަޕަށް މިހާރު އަރަމުންދަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ދެވަނަ ރާޅެކެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ފްރާންސުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 126,329 މީހެކެވެ. އެހެންކަމުން އެޤައުމުގައި ބަލި ފެތުރެމުން އަންނަ ނިސްބަތާއި އަޅާބަލާއިރު ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަރަށް މަދެއެވެ.

މިވަގުތު ދުނިޔެއިން 5 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީވެސް ފްރާންސެވެ. އެޤައުމަކީ މިހާތަނަށް މި ބަލީގައި ދުނިޔެއިން 7 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފްރާންސްގެ ނޭޝަނަލް ހެލްތު އޭޖެންސީން ބުނެފައިވާ ގޮތުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އައުމާއެކު، ބަލީގައި ހާލު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިގޮތުން މިވަގުތު އެޤައުމުގައި 4300 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.