މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ދެކޮޅަށް އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިން އިނގިރޭސިވިލާތުގައި މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

މިއަދު މި ވެކްސިން އެންމެ ފުރަތަމަ ދެ ޑޯޒް ދީފައި ވަނީ އުމުރުން 90 އަހަރުގެ އަންހެނެއް ކަމަށްވާ މަގަރެޓް ކީނަންއަށެެވެ.

މި ވެކްސިން ދޭން ފަށާފައި ވަނީ، ބޭނުންކުރުމަށް ހުއްދަ ދިންތާ ހަފްތާއެއްވެސް ނުވަނީސް އެވެ. އިނގިރޭސިވިލާތަކީ މި ވެކްސިން ދޭން އެންމެ ފުރަތަމަ ހުއްދަ ދިން ގައުމެވެ.

އަންނަ ހަފްތާ ތެރޭގައި އުމުރުން 91 އަހަރު ފުރޭ ކީނަންއަށް އެންމެ ފުރަތަމަ އެ ވެކްސިން ދީފައިވާއިރު، އެކަމާއި އޭނާ އުފާ ކުރާ ކަމަށް އޭނާ ބުންޏެވެ.

"މިއީ އަހަރެންނަށް އުފަން ދުވަހުގެ ކުރިން ލިބުނު އުފަން ދުވަހުގެ އެންމެ ރަނގަޅު ހަދިޔާ، އަހަރެން މިހާރު އުއްމީދު ކުރަނީ އާއިލާއާއި ރަހުމަތްތެރިންނާއެކު އާ އަހަރު ފާހަގަކުރެވޭނެ ކަމަށް"

އިނގިރޭސިވިލާތުގައި މި ވެކްސިން އެންމެ ފުރަތަމަ ދެނީ ހިރާސް ބޮޑުކަމަށް ފާހަގަކުރެވެ މީހުންނަށެވެ.

އިނގިރޭސިވިލާތުން މިހާރު ވަނީ ފާއިޒާ ވެކްސިންގެ 40 މިލިއަން ޑޯޒަށް އޯޑަރު ދީފައެވެ. އެހެންނަމަވެސް ފުރަތަމަ ބުރުގައި ބޭނުން ކުރުމަށް އަދި ލިބިފައި ވަނީ 800،000 ޝޮޓް ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު