މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި އިން ރައްކާތެރިވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި ބޭސް އުފައްދާ މަޝްހޫރު ކުންފުނި އެސްޓްރާޒެނިކާ ގުޅިގެން އުފެއްދި ވެކްސިންގެ ތަހްލީލްތަކުގެ ތެރެއިން އަނެއްކާވެސް އިތުރު ތަހްލީލެއްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށާއި އެންމެ ފަހުން ނަތީޖާ ލިބުނު ތަހްލީލުން ވެސް ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ދައްކާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެކްސިންގެ އެންމެ ފަހުން ނަތީޖާ ލިބުނު ތަހްލީލްތައް ކުރިއަށް ގެންގޮސްފައި ވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް އިސްކަން ދީގެންނެވެ. މިތަހްލީލްތައް ކުރިއަށް ގެންގޮސްފައި ވަނީ 20000 މީހުންނަށްވުރެެ ގިނަ މީހުން ބައިވެރިކޮށްގެެންނެެވެ.

"ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވެކްސިނުން ރައްކާތެރިވުމުގެ ނިސްބަތް ހުރީ %90 ގައެވެ.

މި ދިރާސާގައި ބައިވެރިިވި މީހުންގެ ތެރެއިިން 1,367 މީހުންނަކީ ކޮވިޑް-19 އިން ރައްކާތެރިވާނެ ކަމުގެ %90 ޔަގީންކަން ލިބުނު މީހުންނެވެެ.

އެސްޓްރާޒެނެކާގެ އޮފިޝަލަކު ވިދާޅުވީ ވެކްސިން ދިން ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭގެތެރެއިން އެއްވެސް މީހަކަށް ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ ހިސާބަކަށް ނުދެއެވެ. އަދި ވެކްސިން ދިނުމުގެ ސަބަބުން އެއްވެސް މީހަކަށް އިތުރު ސިއްހީ މައްސަލައެއް ކުރިމަތިވެފައި ވެސް ނެތެވެ.

އެސްޓްރާޒެނެކާ އިން ބުނީ މިއީ ވެކްސިން އާއްމުންނަށް ހަމައަށް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އަނެއްކާވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. މިހާރު އިންތިޒާރު ކުރަމުން ދަނީ ވެކްސިންގެ ހުރިހާ ތަހްލީލްތަކެއްގެ ނަތީޖާ ލިބޭނެ ވަގުތަކަށް ކަމަށް ވެސް އެސްޓްރާޒެނެކާ އިން ބުނެއެވެ.

މިވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދައަށް އެދި ވަރަށް އަވަހަށް އިނގިރޭސިވިލާތުގެ ރަަސްމީ އިދާރާތަކަށް ހުށަހަޅާނެއެވެ.

އެސްޓްރާޒެނެކާ އާއި އޮކްސްފޯޑްގެ ވެކްސިނަކީ އެންމެ އަގުހެޔޮ އެއްވެކްސިނަށް ވާނެކަމަށް ބެލެވެއެވެ. މިވެކްސިން ރައްކާކޮށްފައި ބަހައްޓަން ޖެހޭނީ މިހާރު ވެސް އާއްމުކޮށް ވެކްސިން ރައްކާކޮށްފައި ހުންނަ ފިނިހޫނުމިނުގައެވެ. އެހެންކަމުން އެއީ ވެސް ވެކްސިން އާއްމުންނަށް ފޯރުކޮށްދިނުމުގައި ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އަމިއްލަ ޞިއްޙަތުގެ މިނިވަންކަމާއި، އަމިއްލަ ހަށިގަނޑުގެ ބާރުވެރިކަމާއި، ބޭސްފަރުވާގެ ޢަމަލުތަކުގެ ފުރިހަމަ މައުލޫމާތު ލިބިގަތުމަށްފަހު، އެ ޢަމަލަކަށް ރުހުން ދިނުމާއި ނުދިނުމަކީ ތިބާއަށް ލިބިގެންވާ އިންސާނީ ހައްޤެކެވެ. މިއަދު ބޭސްއުފައްދާ މެޑިކަލް މާފިއާއިން މިދަނީ މި އިންސާނީ ހައްޤު ޞިއްޙަތުގެ ނަމުގައި އައްނަނީ ނިގުޅައި ގައްނުންނެވެ.