އެމެރިކާ އިން ކޮވިޑް-19 ޖެހިގެން އިއްޔެ 2913 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ މިހާތަނަށް ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޑިސެމްބަރ 03 ވަނަ ދުވަހު އެވެ. އެދުވަހު 2926 މީހަކު ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވިއެވެ. ޑިސެމްބަރ މަހުގެ 03 ވަނަ ދުވަހަށް ފަހު އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވަމުން އައިސް ޑިސެމްބަރ 06 ވަނަ ދުވަހު މަރުވީ 1100 މީހުންނެވެ. ޑިސެމްބަރ 06 ވަނަ ދުވަހަކީ ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި އެއްދުވަހެވެ.

ނަމަވެސް އަނެއްކާވެސް މަރުވާ މީހުންގެ އަދަދު އިތުރުވެ ޑިސެމްބަރ 07 ވަނަ ދުވަހު 1574 މީހަކު މަރުވިއެވެ.

އިއްޔެ އެމެރިކާ އިން 208000 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ނުވަ މިލިއަނަށް އަރައެވެ. އޭގެތެރެއިން 293,398 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރުވުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައެވެ. ބައެއް ހޮސްޕިޓަލްތަކުން ޖާގަ ނުލިބިގެން އެތައް ބަޔަކު ވެއިޓިން ލިސްޓްގައި ވެސް އެބަތިއްބެވެ. އަދި ގިނަ ބަޔަކަށް ފަރުވާދޭން ޖެހުމުން ސިއްހީ އެހީތެރިންގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.

އެމެރިކާ އިން ވެސް މިހާރު ދަނީ ކޮވިޑް-19 ވެކްސިން ޖެހުމަށް ތައްޔާރު ވަމުންނެވެ. ބެލެވޭ ގޮތުގައި ފައިޒާ ކުންފުނިން އުފެއްދި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ އެމެރިކާ ސަރުކާރުން މާދަމާ ދޭނެއެވެ. ވެކްސިން ދިނުމުގެ ހުއްދަ ލިބުމާއިއެކު އާއްމުންނަށް ވެކްސިން ދިނުމަށް މިހާރު ވެސް ވެކްސިން އެކި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު