ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. އެމެރިކާ އިން އިއްޔެ ވަނީ 3486 މީހުން ކޮވިޑް-19 ގައި މަރުވެފައެވެ. އިއްޔެ އަކީ މިހާތަނަށް އެމެރިކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިއްޔެ އެމެރިކާ އިން 246,996 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އަކީ މިހާތަނަށް އެމެރިކާ އިން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިހާތަނަށް އެމެރިކާ އިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަހު 247،414 މީހުން ފައްސިވިއެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އިއްޔެ ވެސް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ އަދި އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް ކެލިފޯނިއާ އިންނެވެ. ކެލިފޯނިއާ އިން އިއްޔެ ބައިލައްކައަށްވުރެ ގިނަ މީހުން ފައްސިވެ، 407 މީހަކު މަރުވި އެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ މަރުވީ ޕެންސިލްވޭނިއާ އިންނެވެ. ޕެންސިލްވޭނިއާ އިން 262 މީހުން އިއްޔެ މަރުވިއެވެ. ޓެކްސަސް އިން ވެސް އިއްޔެ 256 މީހުން މަރުވިއެވެ.

އެމެރިކާގައި ކޮވިދް-19 އަށް ފައްސިވާ މީހުންނާއި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ބައެއް ސްޓޭޓްތަކުގައި ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ގިނަ މީހުން ބައިވެރިވާ އެއްވުންތައް ބޭއްވުމާއި ރެސްޓޯރެންޓްތަކުން އިމާރާތްތަކުގެ އެތެރޭގައި ޚިދުމަތް ދިނުން ވަނީ ހުއްޓާލާފައެވެ. ބައެއް ސްޓޭޓްތަކުން އެފަދަ ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ގިނައީ މާބޮޑެތި ފިޔަވަޅުތައް އަޅާފައި ނުވާ ސްޓޭޓްތަކެވެ.

އެމެރިކާ އިން މިހާތަނަށް 17.3 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 314,577 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ. މިހާރު ވެސް އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވެފައި 6.9 މިލިއަން މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު