އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 އަށް ފައްސިވެފައިވާ އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފިއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން މީހާ އެއްމާބަނޑު ހަތަރު ކުދިން ވިހާފައި ވަނީ އަންހެނުންގެ ހާއްސަ ހޮސްޕިޓަލެއް ކަމަށްވާ ޑި ސޯސާ ހޮސްޕިޓަލްގައެވެ. އެއީ ވެރިރަށް ކޮލަމްބޯގައި ހުންނަ ހޮސްޕިޓަލެކެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަންހެން މީހާ އާއި އޭނާ ވިހާފައިވާ ހަތަރު ކުދިންގެ ހާލު ވެސް ރަނގަޅެވެ. ހަތަރު ކުދިންނަށް ކޮވިޑް-19 ޖެހިފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ. ހޮސްޕިޓަލުން ބުނެފައި ވަނީ އެކުދިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި އެކުދިން ކޮވިޑް-19 އަށް ޓެސްޓް ކުރާނީ ކޮވިޑް-19ގެ އަލާމާތެއް އެއިން ކުއްޖެއްގެ ގައިން ފެނުމުން ކަމަށެވެ.

އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން ސްރީލަންކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެގައުމުން ކުރިން ހޯދި ކާމިޔާބީ އާއިއެކު ސްރީލަންކާ އަކީ ދުނިޔެ އަށް ވެސް މިސާލު ދައްކަމުން އައި ގައުމެއްގެ ގޮތުގައި ބެލެވުނެވެ.

ނަމަވެސް އޮކްޓޯބަރ މަހު ހާލަތު ގޯސްވާން ފެށިގޮތައް އަދިވެސް ބަލި ފެތުރުން ކޮންޓްރޯލެއް ނުކުރެއެވެ. މިހާރު އެގައުމުގައި އެކްޓިވް ކޭސްތަކުގެ އަދަދު ވެސް ވަނީ 8900 އަށް އަރާފައެވެ. މިއީ އެކްޓިވް ކޭސްތަކުގެ އަދަދު މިހައި ބޮޑަށް ސްރީލަންކާގައި އިތުރުވި ފުުރަތަމަ ފަހަރެވެ.

މިހާތަނަށް ކޮވިޑް-19 އަސް ސްރީލަންކާ އިން 34000 އަށްވުރެ ގިނަ މީހުން ފައްސިވެ، 160 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު