އިންޑިޔާގެ ދެކުނުގެ ރަށެއް ކަމުގައިވާ ތެލެގަނާގެ ސަރުކާރު ސުކޫލެއްގެ ހެޑްމާސްޓަރެއް އެ ސުކޫލުގެ ފަސް ދަރިވަރަކަށް ޖިންސީ ގޯނާކޮށް، ބަރަހަނާ ވީޑިއޯތަކެއް ދެއްކި ކަމުގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ތެލެގަނާ ފުލުހުން ބުނެފިއެވެ.

އުމުރުން 40 އަހަރުގެ މި ހެޑްމާސްޓަރ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 7 އަހަރާއި 11 އަހަރާއި ދެމެދުގެ 5 އަންހެން ކުދިންނަށް ކަމަށާއި މިކަން ހިނގަމުން ދަނީ މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން މި ހެޑްމާސްޓަރ ވަނީ އެ ކުދިން ބަރަހަނާ ވީޑިއޯ ބެލުމަށް މަޖުބޫރު ކުރުވާ އަދި އެ ވާހަކަތައް އެއްވެސް މީހެއްގެ ގާތު ނުބުނުމަށް ބުނެ ބިރު ދައްކާފައެވެ.

މިކަން ފަޅާއަރާފައިވަނީ އެ ފަސް ކުދިންގެ ތެރެއިން އެއް ކުއްޖަކު ބަލިވެގެން އޭނާއަށް ފަރުވާ ދިނުމުގެ ތެރެއިންނެވެ. އެ ކުއްޖާ ވަނީ އެ ކަންތައްތައް ހިނގައި ދިޔަގޮތް ބެލެނިވެރިންނަށް ކިޔައިދީފައެވެ.

މި އަންހެން ކުއްޖާގެ މަންމަ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކިތައްމެ ވަރަކަށް އާދޭސް ކުރިނަމަވެސް އޭނާ ސުކޫލަށް ދާން ބޭނުން ނުވާ ކަމަށާއި ވަރަށް ފަހުން އެ ކުއްޖާ ބަލިވެ، ނުހިނގިގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. މިވަރުވުމުން ވެސް އެ ކުއްޖާގެ މަންމައަށް އެކަހަލަ އެއްވެސް ކަމެއް ހިނގާފައިވާ ކަމެއް ނޭނގޭ ކަމަށާއި އެ ވާހަކަ ބުނީ އެތައް ދުވަހެއް ވަންދެން ތަކުރާރުކޮށް ސުވާލު ކުރުމުން ކަމަށް ވެސް އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

ފުރަބަންދަށްފަހު ދެ ޓީޗަރުން ސުކޫލަށް ކިޔަވައިދިނުމަށްދާ ކަމަށާއި މި ހެޑްމާސްޓަރ ދާން ޖެހޭ ދުވަހު މި ފަސް ކުދިންގެ ތެރެއިން ކޮންމެވެސް އެއް ކުއްޖަކު ގޮވައިގެން ގޮސް މި އަމަލު ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ދަނީ މިހާރު މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާ އަކީ އަންހެނުންނާއި އަންހެން ކުދިންނަށް ވެސް އެންމެ ނުރައްކާތެރި އެއްގައުމެވެ.