ދިވެހިރާއްޖެ އިން ފުރައިގެން އޮސްޓްރޭލިއާ އަށް ދަތުރުކުރި ޔޮޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ފައްސިވުމުން ކްއީންސްލޭންޑްގެ އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބަލަމުން ގެންދާ ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކްރޫ މެންބަރުގެ އިތުރުން އަދި އިތުރު މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޮސްޓްރޭލިއާ އަށް އެހެން ގައުމުތަކުން ދަތުރު ކުރަން ޖެހޭ މީހުން އުސޫލެއްގެ ގޮތުން ކަރަންޓީން ވާން ޖެހެނީ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައެވެ. ނަމަވެސް ރާއްޖެ އިން ޔޮޓްގައި ދަތުރު ކުރި ފަޅުވެރިން ޔޮޓްގައި ކަރަންޓީން ވާން ހާއްސަ ހުއްދައެއް އޮތީ ދީފައެވެ.

ނޮވެމްބަރ 21 ވަނަ ދުވަހު އޮސްޓްރޭލިއާ އަށް ދަތުރު ކުރި ޔޮޓްގައި ހަފަޅުވެރިންނާއި 14 ފަތުރުވެރިން ތިއްބެވެ. މިހާރު އިދާރާތަކުން ބުނާ ގޮތުގައި އެމީހުންނާއި އޮސްޓްރޭލިއާ އިން ބައްދަލުވި މީހުންގެ މައުލޫމާތު ދޭން އެމީހުން ދަނީ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން މިހާރު އެމައްސަލަ ވަނީ ކްއީންސްލޭންޑްގެ ފުލުހުންނަށް ހުށަހަޅާފައެވެ.

5.07 މިލިއަން މީހުން ދިރިއުޅޭ ކްއީންސްލޭންޑްގައި މާޗް މަހު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވުމުން ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅައި ބަލި ކޮންޓްރޯލް ކުރިއެވެ. ނަމަވެސް ފިޔަވަޅުތަކަށް ލުއިތައް ދިނުމުން އަނެއްކާ ހާލަތު ގޯސްވެ، އޮގަސްޓް މަހު ވަނީ ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ. ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އޮގަސްޓްމަހު ހަރުކަށި ފިޔަވަޅުތައް އަޅައި މިހާރު ވަނީ ބަލި އަނެއްކާވެސް ކޮންޓްރޯލް ކޮށްފައެވެ.

ކްއީންސްލޭންޑްގައި މިހާރު ލޯކަލް ޓްރާންސްމިޝަނެއް ނެތެވެ. އެ ސްޓޭޓްގެ އެތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ސަރަހައްދީ ސަރުކާރުން ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    ބަލަ އެމީހުން ދަތުރު މަތީގަވެސް ﷲ ބަލި ޖައްސަވާފާނެ އެކަމާއި ދިވެހިރާއްޖެ ހުރީ ކޮންގުޅުމެއްތޯ ؟

    6
    2