ކޮވިޑް-19 އަށް ވެކްސިން ދިނުމުގެ މަސައްކަތް އެމެރިކާގައި ކުރަމުން އަންނައިރު އިއްޔެ އާއިހަމައަށް ވަނީ އެއްމިލިއަން މީހުންނަށް ވެކްސިން ދީފައެވެ. އަދި ވެކްސިން ދެމުން ގެންދަނީ ހޮސްޕިޓަލްތަކުގައި އެންމެ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ވެކްސިން ދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިސްކަން ނުދީ ބަލި މީހުންނާއި މާގިނައިން ކުރިމަތިލާން ނުޖެހޭ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ވެކްސިން ދޭތީ އެމެރިކާގެ ބައެއް ހޮސްޕިޓަލްތަކުގައި ވަނީ މަސްލަހަތު ގެއްލިފައެވެ.

"ނިއުޔޯކް ޓައިމްސް" ގައި ބުނެފައިވާ ގޮތުގައި ނިއުޔޯކްގެ މޯގަން ސްޓާންލޭ ޗިލްޑްރެން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެކްސިން ދިނުން މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔައެވެ. ހޮސްޕިޓަލްގެ ނުވަވަނަ ބުރީގައި ވެކްސިން ޖެހުން ކުރިއަށް ގެންދިޔައިރު ކުރިން ނިންމާފައި އޮތީ ފުރަތަމަ ސަފުގައި، އެންމެ ގިނައިން ބަލި މީހުންނާއި ކުރިމަތިލާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެކްސިން ދިނުމަށެވެ.

ނަމަވެސް ބަލި މީހުންނާއި ގިނައިން ކުރިމަތިލާން ނުޖެހޭ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ގޮސް ވަނީ ވެކްސިން ޖަހާފައެވެ. އެއާއިއެކު ބަލި މީހުންނާއި ކުރިމަތިލާ، ބަލި މީހުންނަށް ފުރަތަމަ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ އަދި ބަލި މީހުންނާއި ގިނައިން ބައްދަލުވާ މީހުންނަށް ވެކްސިން ދިނުމުގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. އެހެންކަމުން ބަލި މީހުންނާއި ކުރިމަތިލާން ނުޖެހޭ ބަޔަކަށް ފުރަތަމަ ވެކްސިން ދިނުމަކީ ހާސިލް ކުރަން ބޭނުންވާ ނަތީޖާ ވެސް ހާސިލް ނުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާގެ އާބާދީގައި ހަމައެކަނި ސިއްހީ އެހީތެރިންގެ ގޮތުގައި ވެސް 18 މިލިއަން މީހުން އެބަތިއްބެވެ. މިއަހަރު ނިމެން ވާއިރަށް އެމެރިކާއަށް ލިބޭނެ ކަމަށް ބެލެވެނީ އަށް މިލިއަން ޑޯޒްގެ ވެކްސިނެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރަން އަދިވެސް އެމެރިކާއަށް ދެތިން ހަތަރު މަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާ އަކީ ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވެ، މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ދެ ތިން ހަތަރު މަހަކީ ކިތައް މަސް؟